ޚަބަރު
ޑީ.ސީ.ޕީ އިސްމާއީލް ނަވީން އުތީމު ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ޑީ.ސީ.ޕީ އިސްމާއީލް ނަވީން އުތީމު ކައުންސިލާ ބައްދަލުކުރެއްވުން/ފޮޓޯ: ފުލުހުން
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ހއ. އުތީމު ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މިމަހުގެ 14 ވަނަ ދުވަހު ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ޑީސީޕީ ނަވީން ވަނީ، އުތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި، އުތީމުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމާއި މެދު ވަނީ މަޝްވަރާކުރައްވާފައެވެ. ހަމަ އެހެންމެ، ކުށް މަދު އަމާން ވެއްޓަކަށް އުތީމު ހެދުމަށާއި، ސަލާމަތީ ރަށްކާތެރިކަން ކަށަވަރުކުރުމަށް އެރަށުތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އުތީމަކީ މިހާރަށްވުރެ ވެސް އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ދިެވހި ފުލުހުންގެ ޚިދުމަތާއި އުތީމު ކައުންސިލުން ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ބައްދަލުވުމުގެ ތެރެއިން އެރަށުގެ ކައުންސިލް އިދާރާ އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ވެސް ބައެއް ކަންކަން ފާހަގަކުރައްވާފައިވާ ކަމަށެވެ. އެގޮތުން، އުތީމުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގައި ފުލުހުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެބޭފުޅުން ވަނީ ފުލުހުންނަށް ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް އުތީމުގައި ފާހަގަކުރަން ހަމަޖެހިފައިވާތީ އެކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.