ސައިންސް / ދުނިޔެ
ޓިކްޓޮކުން ފޮޓޯ ވީޑިއޯއަށް ބަދަލުކުރެވޭ އައު އޭއައި ފީޗަރއެއް ތަޢާރަފުކޮށްފި

ޓިކްޓޮކް
ޓިކްޓޮކުން އެ ކުންފުނީގެ ފުރަތަމަ ފޮޓޯ ވީޑިއޯއަށް ބަދަލުކުރެވޭ އޭއައި ފީޗަރ "ޓިކްޓޮކް އޭއައި އަލައިވް" ތަޢާރަފުކޮށްފިއެވެ. މި ފީޗަރ މެދުވެރިކޮށް ޓިކްޓޮކް ސްޓޯރީސްގައި ސްޓެޓިކް ފޮޓޯތައް ވީޑިއޯއަށް ބަދަލުކުރެވޭނެއެވެ.
މި އައު ފީޗަރ ބޭނުންކުރެވޭނީ ހަމައެކަނި ޓިކްޓޮކްގެ ސްޓޯރީ ކެމެރާ މެދުވެރިކޮށެވެ. މިގޮތުން އޭއައި ބޭނުންކޮށްގެން ކުރު ވީޑިއޯތަކެއް އުފެއްދޭނެއެވެ. މި ވީޑިއޯތަކުގައި ހަރަކާތްތަކާއި، ތަފާތު މާހައުލް އަދި އުފެއްދުންތެރި އިފެކްޓްތައް ހިމެނޭނެއެވެ.
މިސާލަކަށް، އުޑާއި، ވިލާތަކާއި، ކަނޑު ފެންނަ ފޮޓޯއެއް ނަގައިފިނަމަ، އުޑުގެ ކުލަ ބަދަލުވަމުންދާ ގޮތާއި، ވިލާތައް ދަތުރުކުރާ މަންޒަރާއި، ރާޅުތައް ޖެހޭ އަޑު އިވޭ ގޮތަށް ވީޑިއޯއެއް އުފެއްދިދާނެއެވެ. އަދި ގްރޫޕް ސެލްފީއެއްގައި ހުރި ޖެސްޗަރތަކާއި އެކްސްޕްރެޝަންތައް ފާހަގަކޮށްލެވޭ ގޮތަށްވެސް އެނިމޭޓްކުރެވިދާނެއެވެ.
މި ފީޗަރ ތަޢާރަފުކުރުމާއެކު، ޓިކްޓޮކުން އޭއައި އުފެއްދި ކޮންޓެންޓްކަން އަންގައިދޭ ލޭބަލެއް ޖަހާނެކަމަށް ބުނެފައިވެއެވެ. އަދި މި ކޮންޓެންޓްގައި ސީ2ޕީއޭ މެޓަޑޭޓާ ހިމަނާނެކަމަށްވެސް ބުނެފައިވެއެވެ. މިއީ ޓިކްޓޮކުން ބޭރުގައިވެސް އެ ވީޑިއޯއަކީ އޭއައި އުފެއްދި އެއްޗެއްކަން ދެނެގަނެވޭނެ ޓެކްނިކަލް ސްޓޭންޑަޑެކެވެ.
ޓިކްޓޮކުން ބުނާ ގޮތުގައި މި އައު ޓެކްނޮލޮޖީ ތަޢާރަފުކުރުމުގައި ސަލާމަތްތެރިކަމަށް އިސްކަންދީފައިވެއެވެ. އަދި ކޮންޓެންޓް ކްރިއޭޓަރުންނަށް މި ފީޗަރ ބޭނުންކުރެވޭނީ ގިނަ ސަލާމަތީ ޗެކްތަކެއް ހަދައި ނިމުމުންނެވެ. މީގެ އިތުރުން، ޤަވާޢިދާ ޚިލާފު ކޮންޓެންޓް އުފެއްދުން ހުއްޓުވުމަށްޓަކައި މޮޑަރޭޝަން ރޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އަޕްލޯޑްކުރާ ފޮޓޯއާއި ޕްރޮމްޕްޓް އަދި އޭއައި އަލައިވް ވީޑިއޯ ޗެކްކުރާނެކަމަށްވެސް ބުނެފައިވެއެވެ.