ޚަބަރު
ހުޅުމާލޭގެ ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްޤީކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

ހުޅުމާލޭގެ ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްޤީކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރުން/ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގެ ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްޤީކޮށް ހިންގުމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއާއި ހައުސިންގ ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ތޯރިޤް އިބްރާހިމްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މައުރޫފް ޖަމީލް އެވެ.
މި ނާސަރީއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އިންދުމަށް ޤާއިމްކުރެވޭ ނާސަރީއެކެވެ. ތިމާވެށްޓާ ބެހޭ ވުޒާރާއިން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މި ނާސަރީގެ އޮޕަރޭޝަންގެ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ބެލުމުގެ ދަށުންކަމަށް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެޗްޑީސީން ވިދާޅުވީ، މި ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށްޓަކައި އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން، އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއި، ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެ އެ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް ނިންމަވާފައިވާކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، އެކަމުގެ ޕްލެޖްގައި މިދިޔަ ފެބްރުއަރީ މަހު ސޮއިކޮށްފާވާއިރު، އެޗްޑީސީން އިންދާ އެއް މިލިއަން ގަސް ހުޅުމާލޭގެ އިތުރުން، ރަސްމާލެ، ކުޑަގިރި، ތިލަފުށި، އަދި ގުޅީފަޅުގައި އިންދާނެއެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް އެ ކޯޕަރޭޝަނުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ، އެޗްޑީސީގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީ ވެސް ހިތްފަސޭހަ މާޙައުލަކަށް ހެދުން ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.