Ads by Aqeeqa Maldives

ޚަބަރު

ހުޅުމާލެއަށް 21: ގިނަ ޓީމްތަކެއް ބައިވެރިވި ފޯރިގަދަ މަސްރޭސް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ

ހުޅުމާލެއަށް 21: ގިނަ ޓީމްތަކެއް ބައިވެރިވި ފޯރިގަދަ މަސްރޭސް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ

ހުޅުމާލެ 21: މަސް ރޭސް/ފޮޓޯ: އެޗްޑީސީ

14 މޭ 2025، 05:24

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، "މައި ހުޅުމާލެ" މަސްރޭސް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އުރީދޫ މޯލްޑިވްސް އިން ގުޅިގެން ކުރިއަށް ގެންދާ މި މަސްރޭހުގައި 60 އަށް ވުރެ ގިނަ ޓީމުން ބައިވެރިވެފައިވާކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. 

އެޗްޑީސީން ވިދާޅުވީ، ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން ބޮޑެތި ފައިސާގެ އިނާމުތައް ލިބޭގޮތަށް މަސް ރޭހެއް ބޭއްވުމަށް ނިންމެވުމަށްފަހު، މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މު ފުރުޞަތުގައި ޖުމްލަ 64 ޓީމަކުން މި ރޭހުގައި ބައިވެރިވުމަށް ފޯމު ހުށައަޅާފައިވާކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. އެހެންކަމުން، މި ބައިވެރިންނާއި އެކު މަސްރޭސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 އިން ރޭގަނޑު 22:00 ގެ ނިޔަލަށެވެ. އަދި މަސްރޭސް ފެށުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިންކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން އެޗްޑީސީން ވިދާޅުވީ، މި މަސްރޭހުގައި ބައިވެރިވެގެން އެއްވަނައަށް ދާ ޓީމަކަށް 21،000 ރުފިޔާ ގެ ފައިސާގެ އިނާމު ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. ހަމަ މިއާއެކު، މި ރޭހުގައި އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000 ރުފިިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ މޮޅު ކެޔޮޅަށްވެސް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

މައި ހުޅުމާލެ މަސްރޭސް މާދަމާ ކުރިއަށްދާ ވަގުތުގައި، ސްކޭޓް ކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން "ސްކޭޓް ކޭމްޕް" އެއް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ނިންމާފައެވެ. މިއީ ރޯލަރ ބްލެޑާސް، ސްކޭޓް ބޯޑާސް، އަދި ސްކޫޓަރ ރައިޑަރުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ޙަރަކާތެއްކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. މި ޙަރަކާތް ހުޅުމާލެ ފެރީ ޓާމިނަލް ޕާކުގައި ކުރިއަށްދާއިރު، މި ޙަރަކާތުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ސްކޭޓް ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 15 މެއި 2025 ގެ 14:00 ގެ ކުރިން އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް ވަނީ ހުޅުވާލެވިފައެވެ.

ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެސްޓިވަލެއް ގޮތަށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތައް ފެށީ، މި މަހުގެ 10 ވަނަ ދުވަހު ކުލަގަދަ ފެމިލީ ކާނިވަލްއަކުންނެވެ. ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތްތަކުގެ ތެރޭގައި ސައިކްލިންގ ޗެމްޕިއަންޝިޕް، ހެލްތު ކޭމްޕް، އަދި ބީޗް ފެސްޓެއް ކުރިއަށްދާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS