ޚަބަރު
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ނުވަ ލައްކައަށް އަރަނީ

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް/ފޮޓޯ: އެޓޯލް ޓައިމްސް
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ނުވަ ލައްކައަށް އަރަން ކައިރިވެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި ހިނގާ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 66،700 ފަތުރުވެރިންނެވެ. ނަމަވެސް މިދިޔަ އަހަރު މި މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ 58،015 ފަތުރުވެރިންނެވެ. މީގެ އިތުރުން، މިއަހަރުގެ މިހާތަނަށް ޖުމްލަ 897،444 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 830،385 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމު:
- ޗައިނާ - 102،423 ފަތުރުވެރިން
- އިނގިރޭސިވިލާތް - 92،680 ފަތުރުވެރިން
- ރަޝިޔާ - 96،656 ފަތުރުވެރިން
- އިޓަލީ - 79،482 ފަތުރުވެރިން
- ޖަރުމަނު - 68،916 ފަތުރުވެރިން
މި އަހަރުގެ ފުރަތަމަ 2 މަސްދުވަހުގެ ތެރޭގައި ވެސް ރާއްޖެއަށް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ. އަދި މިކަން ކާމިޔާބުކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.