Ads by Aqeeqa Maldives

ޚަބަރު

ކުޅުދުއްފުށި ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ކުޅުދުއްފުށި ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ނައްތާލި ބަނގުރާތައް/ފޮޓޯ: ފުލުހުން

14 މޭ 2025، 02:17

ކުޅުދުއްފުށި ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިތަކެތި ނައްތާލާފައިވަނީ މި ހިނގާ މެއި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އަދި މި ބަނގުރާތައް  ނައްތާލާފައިވަނީ ކުޅުދުއްފުށި ސިޓީ ޕޮލިސް ގޯތި ތެރޭގައިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނައްތާލާފައިވާ ބަނގުރާގެ ތެރޭގައި ހިމެނެނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ކަމަށެވެ. ހަމަ އެހެންމެ، ކުޅުދުއްފުށި ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގާފައިވާ މިފަދަ ތަކެތިވެސް މީގެ ތެރޭގައި ހިމެނޭކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެގޮތުން ޖުމްލަ 24 މައްސަލައެއްގައި ހިމެނޭ 34 ފުޅި ބަނގުރަލާއި، ބަނގުރާ ދަޅަކާއި، 8 ހަން، އަދި 5 ލީޓަރުގެ 3 ފުޅި ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS