ޚަބަރު
ރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢުއަށް ވޯލްޑްބޭންކުން އިތުރު އެހީ ލިބުމުގެ އުންމީދު ބޮޑު: ދާޚިލީ ވުޒާރާ

ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢު ފެށުމުގެ ތެރެއިން ފޮޓޯ: ފަރުދުން
ސަރުކާރުން ފަށާފައިވާ ޑިޖިޓަލައިޒޭޝަންގެ މަޝްރޫޢުއަށް ވޯލްޑްބޭންކުގެ އިތުރު އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖަރ ޑރ. އިބްރާހީމް ވަޙީދު ވިދާޅުވީ، މިހާރުވެސް ވޯލްޑް ބޭންކްގެ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢުއެއް ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން މުހިންމު 7 މަޝްރޫޢުއެއް ކުރިއަށްދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. ވަޙީދު ވިދާޅުވީ މި މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ ކައުންސިލްތަކުގެ ނެޓްވޯކް ޒަމާނީ ނިޒާމަކުން ގުޅާލުމަށް ގެންދާ ގަވަމަންޓް ކޮމްޕިއުޓަރ ސިސްޓަމް އެކްސްޕެންޝަން ޕްރޮޖެކްޓް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ވަސީލަތްތައް އިތުރުކުރުމުގެ މަޝްރޫޢު އަދި ތިމާވެށީގެ ކަންކަމަށް ބޭނުންވާ ޑޭޓާ އެއްކުރުމަށް ފަށާފައިވާ ދިރާސީ މަސައްކަތްތައް ހިމެނޭކަމަށެވެ.
ޑިޖިޓަލް ޓްރާންސްފޮމޭޝަނާ، އައު އިޖާދީ ކަންކަމާއި ޓެކްނޮލޮޖީއަށް އަހުލުވެރި މުޖުތަމަޢުއެއް އުފެއްދުމަށް މި މަސައްކަތްކުރަނީ. ޓެކްނޮލިޖީތައް ތަޢާރަފުކޮށް، އެ ބޭނުންކުރަން ދަސްކޮށްދީ، އެ ބޭނުންކޮށްގެން ޚިދުމަތް ހޯދާ ބަޔަކަށް ހެދުން
ޢަމާޒަކީ ޑރ. ވަޙީދު
މި މަޝްރޫޢުތަކުގައި ރާއްޖެއިން ބޭރުގެ 7 ޤައުމެއްގެ ކުންފުނިތަކުގެ އެހީ ހޯދާފައިވާކަމަށް ޑރ. ވަޙީދު ހާމަކުރެއްވރެއްވިއެވެ. މީގެ ތެރޭގައި އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ނިއުޒިލޭންޑް، ކެނެޑާ، ތައިލޭންޑް، އިންޑިއާ އަދި ސްރީލަންކާގެ ކުންފުނިތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަޞައްވުރާ އެއްގޮތަށް އިތުރު މަޝްރޫޢުތަކަށް ބޭނުންވާ ފަންޑިން ހޯދުމަށް ވޯލްޑް ބޭންކާއެކު މަޝްވަރާތައް ކުރަމުންދާކަމަށާއި، އިތުރު ފަންޑިން ލިބޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތްކަމަށް ޑރ. ވަޙީދު ވިދާޅުވިއެވެ.
2.0 ކޮންފަރެންސްގައި ބޭރުގެ އިތުބާރުހިފޭ ފަރާތްތައް ބައިވެރިވުމަކީ ފަންޑިން ހޯދުމަށް ލިބުނު އިތުރު ބާރެއް. މިހާތަނަށް ވޯލްޑް ބޭންކާއެކު ގެންދިޔަ މަޝްވަރާތަކުގައިވެސް އިތުރު ފަންޑިން ލިބުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް ފެންނަނީ
ޑރ. ވަޙީދު
މިހާރު ކުރިއަށްދާ 10 މިލިއަން ޑޮލަރުގެ މަޝްރޫޢު 2027 ވަނަ އަހަރަށް ނިންމުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ޑރ. ވަޙީދު ހާމަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.