ދުނިޔެ
އިޒްރާއިލުން ފަތިހު ދިން ހަމަލާގައި 65 މީހަކު ޝަހީދުކޮށްލައިފި

އިޒްރަާއިލްގެ ހަމަލާއެއްގައި ޝަހީދުވިބައެއް
އިޒްރާއިލުން ފަތިހާ ދިން ހަމަލާގައި 65 މީހަކު ޝަހީދުކޮށްލައިފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފިއެވެ.
މެޑިކަލް މަސްދަރުތަކަށް ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ފެށިގެން އިޒްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 65 މީހަކު ވަނީ ޝަހީދުވެފަައިކަމަށެވެ.
އޭގެ ތެރެއިން 50 މީހުންނަކީ އުތުރު ޣައްޒާއިން ޝަހީދުވިމީހުން ކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ. އިޒްރާއިލުން ވަނީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސް އަށް ހަމަލާތައް ދީފައިވެއެވެ.
މިއަދު އިޒްރާއިލް ޣައްޒާގެ ދެސަރަހައްދަކަށް ދިން ހަމަލާތަކުގައި 56 މީހަކު ޝަހީދުވެފައިވާއިރު އިއްޔެވެސް އިޒްރާއިލް ސިފައިންވަނީ ނައްސިރް ހޮސްޕިޓަލަށް ހަމަލާއެއްދީފައެވެ. މިހަމަލާގައި ދެމީހަކު ޝަހީދުވެފައިވެއެވެ. އޭގެތެރޭގައި ނޫސްވެރިޔަކު ވެސް ހިމެނެއެވެ.
އިޒްރާއިލުންް ދެމުންދާ ހަމަލާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުވަމުންދާއިރު ބަނޑުހައިހޫނު ކަމުގެ ސަބަބުންވެސް ކުޑަކުދިން ދަނީ ޝަހީދުވަމުންނެވެ. އިޒްރާއިލުން ދަނީ ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ. ޣައްޒާއަށް އެހީގެ ޓްރަކެެއް ނުވަންނަތާ 2 މަހަށްވުރެ ގިނަ ދުވަސް ވަނީ ވެގެން ގޮސްފައެވެ. ކާބޯތަކެތި ނެތުމުގެ ސަބަބުން ބަނޑުހައިހޫނުކަން ފިލުވަން ފަތްޕިލާވެލި ކައްކައިގެން ބޭނުންކުރަމުންދާ މީހުންވެސް ޣައްޒާގައި މިހާރު ގިނައެވެ.
ޣައްޒާގެ އާބާދީގެ 93 އިންސައްތަ މީހުން ދިރިއުޅެމުންދަނީ ކާބޯތަކެތީގެ ދަތިކަމުގައި ކަމަށް ޔުނިސެފުން ބުނެފައިވެއެވެ.