ދުނިޔެ
އަނެެއްކާވެސް ހޫތީން ޔައްފާއަށް ހަމަލާއެއްދީފި، ބެން ގޫރިއަން އެއަރޕޯޓުގެ ދަތުރުފަތުރަށް ބުރުއަރައިފި

ޔައްފާ އަށް ހޫތީން ދިން ހަމަލާ
ޔަމަނުގެ ހޫތީން އަނެެއްކާވެސް ޔައްފާ (ތެލްއަވީވް) އަށް ހަމަލާއެއްދީފިއެވެ.
އިޒްރާއީލުގެ އަސްކަރިއްޔާއިން ބުދަ ދުވަހު އިއުލާން ކުރި ގޮތުގައި އެއަސްކަރިއްޔާގެ ވައިގެ ދިފާއީ ބާރުތަކުން ޔަމަނުން ފޮނުވާލި މިސައިލެއް ހުއްޓުވައިފައިވާ ކަމަށެވެ. އަދި މިއީ 24 ގަޑިއިރުގެ ތެރޭގައި ދިން މިފަދަ ތިން ވަނަ ހަމަލާ އެވެ.
އިޒްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިސައިލް ހުއްޓުވުމުގެ ތެރޭގައި ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓުގެ ވައިގެ ދަތުރުފަތުރު ހުއްޓުނީ، މިސައިލް ހުއްޓުވުމުގެ ކުރިން ޔަމަނުގެ މިސައިލް އަމާޒަށް ވާސިލްވާން ކައިރިވެފައިވުމުން ކަމަށެވެ.
މިސައިލް ހުއްޓުވުމުން މިސައިލްގެ ހަލާކުވިބައިތައް ވެއްޓުނީ ހުޅަނގު އައްސޭރީގައި މީހުން ދިރިއުޅޭ ހިސާބަށް ކަމަށެވެ. އަދި ގުދުސްގެ ހުޅަނގަށާއި ޔައްފާ(ތެލްއަވީވް)ގެ ސަރަހައްދުތަކުގައިވެސް އެމަޖެންސީގެ ސައިރެންގެ އަޑުއިވިފައިވެއެވެ.
ހަމަލާއާއި ގުޅިގެން ބެން ގުރިއަން އެއަރޕޯޓުގެ ދަތުރުތަކަށް ވަނީ ބުރުއަރައިފައެވެ.