ޚަބަރު
ޑީސީޕީ އިސްމާޢީލް ނަވީން އައިއެފްސީއޭސީސީގެ ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރާ ބައްދަލުކުރައްވައިފި

ޑީސީޕީ އިސްމާޢީލް ނަވީން އައިއެފްސީއޭސީސީގެ ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރާ ބައްދަލުކުރެއްވުން/ފޮޓޯ: ފުލުހުންގެ ޚިދުމަތް
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، އިންޓަޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓިކޮރަޕްޝަން ސެންޓަރ (އައި.އެފް.ސީ.އޭ.ސީ.ސީ) ގެ ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރ، ރިލްވާން ޝަރީފާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައެވެ. މި ބައްދަލުވުމުގައި، ޑީސީޕީ އިސްމާޢީލް ނަވީން ވަނީ އައިއެފްސީއޭސީސީ އިން ފުލުހުންގެ ޚިދުމަތަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުއްވާފައެވެ.
މި ބައްދަލުވުމުގައި ޑީސީޕީ ވަނީ އިންޓަޕޯލާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. ހަމަ އެހެންމެ، ޤާނޫނު ތަންފީޒްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އިންޓަޕޯލުން ދެއްވާ އެހީތެރިކަމުގެ މުހިންމުކަން ވެސް ޑީސީޕީ ނަވީން ވަނީ ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާއި، މާލީ ކުށްތަކާއި ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ރިޟްވާން ޝަރީފް ވަނީ ތަޢުރީފްކުރައްވާފައެވެ.
މީގެ އިތުރުން، މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް އައިއެފްސީއޭސީސީން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އައިއެފްސީއޭސީސީ ގެ ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރ ގެ މަގާމުގައި މަސައްކަތް ކުރައްވާ ރިޟްވާން ޝަރީފަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އިންޓަޕޯލަށް ސެކަންޑްކޮށްފައިވާ އޮފިޝަލަލަށް ވުމާއެކު، މި ބައްދަލުވުމުގައި ސަބަބުން ދިވެހިރާއްޖެއާއި އިންޓަޕޯލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ރިޟްވާން ޝަރީފްގެ މި ދަތުރުފުޅަކީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެއްގައި އިންޓަޕޯލް ތަމްސީލު ކުރެއްވުމަށް ދިވެހިރާއްޖޭއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.