ޚަބަރު
އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ ދިދަ/ފޮޓޯ: ވެކްޓަރ ސްޓޮކް
އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި
ވަޒީރު މި މެސެޖު ފޮނުއްވާފައިވަނީ، އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް އަލުން ޢައްޔަންކުރެއްވުމާއި ގުޅިގެންނެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ މެސެޖުގައި ވަނީ، އެކަމަނާ އަލުން މި މަޤާމަށް ޢައްޔަންކުރެއްވުމާއި ގުޅިގެން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެކަމަނާއަށް ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރައްވާކަމަށް ވިދާޅުވެފައެވެ. ހަމަ މިއާއެކު، އޮސްޓްރޭލިއާ އަކީ ނިމިދިޔަ އަހަރުތަކުގައި ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ބައިވެރިއެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ޚާއްޞަ ގޮތެއްގައި، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި އެ ޤައުމުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، އެމަނިކުފާނުގެ އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާ އާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔުން ކަމަށެވެ. އަދި ދެ ޤައުމުން ވެސް ގުޅިގެން އިތުރު ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް އާއި ގުޅިގެން ގާތުން މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް އަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާފައެވެ.