ޚަބަރު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނިމިދިޔަ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނިމިދިޔަ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަހަރީ ރިޕޯޓު ނެރުމަށް މިއަދު މެންދުރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ނިމިދިޔަ އަހަރު ކުރެވުނު މަސައްކަތްތަކަކީ އެ ވުޒާރާގެ އެންމެހާ މުވައްޒަފުން ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާކަމަށެވެ. ހަމަ އެހެންމެ، ދިވެހިރާއްޖޭގައި އިސްލާމީ ކަންތައްތައް ކުރިއެރުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ވެސް ޤައުމީ މުހިންމު މަސައްކަތެއްކަމަށް ވަޒީރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، މި އަހަރަކީ 2024 ވަނަ އަހަރަށް ވުރެ ހުރިހާ ގޮތަކުން ވެސް ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ވެސް ކާމިޔާބު ގިނަ މަސައްްކަތްތަކެއް އެ ވުޒާރާއިން ކުރެވިފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވަނީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒު، އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުވެސް ނެރިފައެވެ.