Ads by Aqeeqa Maldives

ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި

މުޙައްމަދު ޝަމްޢާން ވަޙީދު/ފޮޓޯ: މޯލްޑިވްސް ވޮއިސް

13 މޭ 2025، 05:18

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު ގެ މައްޗަށް ދައުވާކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މުޙައްމަދު ޝަމްޢާން ވަޙީދާއި އިމިގްރޭޝަންގެ ކުރީގެ 4 އޮފިސަރަކަށް ދަޢުވާކޮށްދިނުމަށް އެދި އިއްޔެ ހުށައަޅާފައިވަނީ، ކޮރަޕްޝަންގެ ތުހުމަތުތަކަކާއި ގުޅިގެންނެވެ. އަދި މި މައްސަލަ މިހާރު ޕީޖީ އޮފީހުން ބަލައިގެންފައިވާއިރު، މައްސަލައާއި މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަވާނެކަމަށް އެ އޮފީހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއަހަރުގެ މާރިޗް މަހުގެ 12 ވަނަ ދުވަހު ޤާވާއިދާ އުޞޫލުތަކާއި ޚިލާފަށް މާފަންނު ގެއެއްގައި އުޅުނު ބިދޭސީންތަކަކަށް އަމާޒުކޮށްގެން އިމިގްރޭޝަނުން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަން ހިންގާފައިވަނީ، ޝަމްޢާން އަށް އެނގިގެން ކަމަށް ތަހުޤީގަށް ހާމަވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، އެރޭ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސިންގެ ތެރެއިން އެކަކު ދޫކޮށްލީ ޝަމްޢާންގެ އިރުޝާދުގެ ދަށުންކަމަށް ތަހުޤީގުން އެނގޭކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެރޭ އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ އެހެން އޮފިސަރަކު ބިދޭސީ މީހާގެ އަތުން ފައިސާ ނަގާފައިވާ ކަމަށެވެ. އަދި މި ފައިސާތައް އެރޭގެ ދަންވަރުގެ ވަޤުތެއްގައި ޝަމްޢާންގެ ގެއަށް ގެންގޮސްފައިވާކަމަށް ފުލުހުންގެ ތަހުޤީޤަށް ހާމަވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ކޯޓު އަމުރެއްގެ ދަށުން ޝަމްޢާން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، 257،475 ރުފިޔާ އާއި 10،000 އެމެރިކާ ޑޮލަރު އަދި އެހެން ބައެއް ޤައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފެންމަތިވެ ތަހުޤީޤު ފެށުނު ހިސާބުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދާއި އިމިގްރޭޝަންގެ ކުރީގެ 4 އޮފިސަރަކު ވަނީ ވަޤުތުން މަޤާމުން ވަކިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS