ޚަބަރު
ލޯކަލް މާރުކޭޓް ސަރަހައްދުގެ ފަޅު ބޭނުންކުރާ އުޅަނދުފަހަރު މާލެ ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް އަންގައިފި

މާލެ ފަޅުގައި އަޅާފައިވާ އުޅަނދުތަކެއް/ފޮޓޯ: ޝަޓަރސްޓޮކް
މާލޭގެ އުތުރު ފާރަތުގައި އޮންނަ ލޯކަލް މާރުކޭޓް ސަރަޙައްދުގެ ފަޅު ބޭނުންކުރާ އުޅަނދުފަހަރު މާލެ ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް ސިޓީ ކައުންސިލުން އަންގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި މި ނިންމުން ނިންމަވާފައިވަނީ، ފަޅު ބޭނުންކުރާ އުޅަނދުފަހަރަށް އެ ސަރަޙައްދަށް ވަދެ ނުކުތުމުގައާއި، އެ ސަރަޙައްދުން ޚިދުމަތް ހޯދުމުގައި ދިމާވަމުންދާ ދަތިތަކަށް ޙައްލެއް ގެނެސްދެއްވުމުގެ ގޮތުންނެވެ.
މި ބަދަލުތަކާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، ލޯކަލް މާރުކޭޓުގެ ހުޅަނގު ކަނުން ފެށިގެން ކެނދި ގަސް ހިނގުމުގެ އިރުމަތީ ކަނާ ހަމައަށް އޮންނަ ފަޅުގެ ސަރަޙައްދު ބޭނުންކުރާ ހުރިހާ އުޅަނދުފަހަރެއް، އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން މާލެ ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަަމަށެވެ. އަދި މިކަމަށް އެދި ބޭނުންވާ ފޯމު ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ވަނީ މަޢުލޫމާތު ދެއްވާފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން ވިދާޅުވީ، މި އިންތިޒާމުގެ ދަށުން އެ ސަރަޙައްދަށް ޚިދުމަށް ހޯދުމަށް އަންނަ މަސް ދޯނިފަހަރާއި، މުދާ އުފުލާ އެކި އުޅަނދުފަހަރު ޚިދުމަތް ހޯދަން ފެށުމުގެ ކުރިން އެ ސަރަޙައްދުގައި ހުންނަ ސިޓީ ކައުންސިލްގެ ޕޯސްޓްގައި ނަން ނޯޓްކުރަން ޖެހޭނެ ކަމަށެވެ. ހަމަ އެހެންމެ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ސަރަޙައްދުގައި އަޅާފައި ހުންނަ އުޅަނދު ފަހަރާއި، ޚިދުމަތް ހޯދާ ހުރިހާ އުޅަނދުފަހަރަކުން މާލޭސިޓީގެ ފަޅުތަކާއި ބަނދަރުތައް ބެލެހެއްޓުމުގެ ޤަވާއިދުގެ ދަށުން ފީ އެއް ނެގުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މިި ބަދަލުތަކާއި ގުޅިގެން އެ ސަރަޙައްދު ބޭނުންކުރާ އުޅަނދުތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސިޓީ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.