ދުނިޔެ
އިޒްރާއިލުން ޣައްޒާގެ ނައްސިރް ހޮސްޕިޓަލަށް ބޮންއަޅައިފި

ހަމަލާއަށްފަހު ނައްސިރް ހޮސްޕިޓަލް
އިޒްރާއިލުން ޣައްޒާގެ ނައްސިރް ހޮސްޕިޓަލަށް ބޮންއަޅައިފިއެވެ.
އިޒްރާއިލް ސިފައިން ނައްސިރް ހޮސްޕިޓަލަށް ދިން މިހަމަލާގައި އެހޮސްޕިޓަލުގައި ފަރުވާހޯދަމުންދިޔަ ދެމީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން އެކަކީ ނޫސްވެރިޔާ ހަސަން އެސްލައިހްވެސް ހިމެނެއެވެ.
މިހަމަލާގައިި ހޮސްޕިޓަލުގެ މުވައްޒަފުންނާއި ބަލިމީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
މިއީ އިޒްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ ދެކުނުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ނައްސިރް ހޮސްޕިޓަލަށް ބޮން އެޅި ފުރަތަމަ ފަހަރެއް ނޫނެވެ.
މިދިޔަ މަހު އިޒްރާއީލު ސިފައިން ވަނީ މީޑިއާ ޓެންޓަކަށް ހަމަލާދީފައެވެ. މިއަދު ނައްސިރަށް ދިން ހަމަލާގައި ޝަހީދުވި ފަލަސްޠީނުގެ ނޫސްވެރިޔާ ހަސަން އެސްލައިހް އަކީ މީޑިއާ ޓެންޓަށް ދިން ހަމަލާގައި ޒަޚަމްވެގެން ފަރުވާހޯދަމުންދިޔަ މީހެކެވެ.
މިއަހަރުގެ މާރޗު މަހު ނައްސިރް ހޮސްޕިޓަލްގެ ފިރިހެނުންގެ ސާޖިކަލް ވޯޑަށް ބޮމުގެ ހަމަލާއެއް ދީފައިވެއެވެ. މިހަމަލާގައު ހަމާސްގެ ސިޔާސީ ބިއުރޯގެ މެމްބަރެއްގެ އިތުރުން 16 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފައިވެއެވެ. އެ ދެމީހުން ވެސް އޭރު ދިޔައީ އެތަނުގައި އެޑްމިޓްކޮށްފައިވެ އެވެ.
ހަމަ އެ މަހު އިޒްރާއީލުން އެ ހޮސްޕިޓަލުގެ އިމަޖެންސީ އިމާރާތަށް ދިން ދެވަނަ ހަމަލާގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުވެފައިވެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިޒްރާއީލް ސިފައިން ހަފްތާއަކަށް ވުރެ ގިނަ ދުވަހު އެ ހޮސްޕިޓަލް ވަށާލައި، އެ ހޮސްޕިޓަލުގެ ގޯތިތެރޭގައި ހިޔާވަހިކަން ހޯދަމުންދިޔަ އެތައް ހާސް ބަޔަކު، ގަދަކަމުން އެތަނުން ނެރެފައިވެއެވެ.
އަދި އެތަނުން 70 މެޑިކަލް ސްޓާފުން ހިމެނޭހެން 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެސްވެއެވެ