ދުނިޔެ / ވިޔަފާރި

އެޕަލްގެ ސްމާޓް އައިނު ތައާރަފްކުރަނީ

އެޕަލްގެ ސްމާޓް އައިނު ތައާރަފްކުރަނީ

އެޕަލް ސްމާޓް އައިއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 މޭ 2025، 07:16

12 މޭ 2025، 07:16

އައިފޯނާއި، އައިޕެޑާއި، މެކް ކޮމްޕިއުޓަރުތަކަށް މަޝްހޫރު އެޕަލް އިން މުޅިން އައު ޑިވައިސްއެއް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ބްލޫމްބާގް އިން ރިޕޯޓުކޮށްފިއެވެ. މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެޕަލްއިން ސްމާޓް އައިނު ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެޕަލްގެ ސްމާޓް އައިނާ ބެހޭ އަޑުތަކެއް ކުރިން ވެސް ފެތުރިފައިވީ ނަމަވެސް، މި އައު ރިޕޯޓުން ހާމަކޮށްދެނީ ކުންފުނިން މި އައިނު އުފެއްދުމަށް ބޭނުންވާ ޗިޕެއް ތައްޔާރުކުރުމުގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައިވާ ކަމެވެ. މި ކުރިއެރުމާ އެކު ކުންފުނީގެ ތެރޭގައި ސްމާޓް އައިނުގެ މަސައްކަތް އަވަސްވެގެންދާނެ ކަމަށާއި، 2027 ވަނަ އަހަރުގެ ނިޔަލަށް މި އައު ޑިވައިސްގެ މާސް ޕްރޮޑަކްޝަން ފެށޭނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިއީ ކުރިން އަޑުއިވެމުން އައި ފަދަ ފުރިހަމަ އޯގްމެންޓެޑް ރިއަލިޓީ (އޭއާރު) އައިނެއް ނޫން ކަމަށާއި، މެޓާގެ ރޭ-ބޭން ސްމާޓް އައިނާ ވާދަކުރުމަށް ތައްޔާރުކުރާ އައިނެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެޕަލްގެ ސްމާޓް އައިނުގެ ވަކި ވަކި ފީޗަރތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ފުރަތަމަ ވާޝަންގައި އޭއާރު ގާބިލުކަން ހިމެނޭނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި އައިނުގައި ވަށައިގެންވާ މާހައުލު ސްކޭންކުރުމުގެ ގާބިލުކަން ހުރި ކެމެރާތައް ހިމެނޭނެ ކަމަށާއި، އޭއައި އަށް ބިނާކޮށް ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެޕަލްގެ ސީއީއޯ ޓިމް ކުކްގެ އަމާޒަކީ ސްމާޓް އައިނުގެ މާކެޓުގައި މެޓާއަށް ވުރެ މޮޅުވުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި އަމާޒު ހާސިލުކުރުމަށްޓަކައި ކުންފުނިން ގިނަ މޮޑެލްތަކެއް ނެރެ، ތަފާތު ގިނަ ފަރާތްތަކެއްގެ ސަމާލުކަން ހޯދުމަށް މަސައްކަތްކުރާނެ ކަމަށާއި، އަގުތައް ވެސް ވާދަވެރި ގޮތެއްގައި ކަނޑައަޅާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS