ދުނިޔެ
އިންޑިއާ-ޕާކިސްތާން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން އިންޑިއާގެ ފޮރިން ސެކްރެޓަރީއަށް "ޣައްދާރު" ގެ ނަންދީފި

ވިކްރަމް މިސްރީ ފޮޓޯ:އިންޓަނެޓް
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން، އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީއަށް ހިންދޫ ހައްދުފަހަނައެޅި ބަޔަކު އިންޒާރުދޭން ފަށައިފިއެވެ. އެމީހުން ވިކްރަމް މިސްރީއަށް "ޣައްދާރު" ގެ ނަން ކިޔާ، އޭނާއާއި އޭނާގެ އާއިލާއަށް ނުރައްކާތެރި އިންޒާރުތައް ދޭން ފަށާފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.
މި އިންޒާރުތަކާއި ފިއްތުންތައް އިތުރުވަމުން ދިއުމާ ގުޅިގެން، ވިކްރަމް މިސްރީ ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތައް ޕްރައިވެޓްކޮށްފައެވެ. މިއީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ފަހަކަށް އައިސް އުފެދިފައިވާ ހަނގުރާމައިގެ ޙާލަތު ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އައުމަށްފަހު ހިނގި ކަމެކެވެ.
ޕާކިސްތާނުގެ ސްޓްރެޓެޖިކް ސިފައިންގެ ޙަރަކާތްތަކުގެ ސަބަބުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސިޔާސީ މަގަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އިންޑިއާއަށް އަމާޒުތައް ހާސިލު ނުކުރެވުމާއި، އެމެރިކާއިން ކުރަމުންދާ ބާރުގަދަ ފިއްތުންތަކާ ގުޅިގެން، މޯދީ ސަރުކާރުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަން ފަށާފައެވެ.
އެހެންނަމަވެސް، އިންޑިއާއިން ވަނީ ޕާކިސްތާނާއެކު ތިންވަނަ ޤައުމެއްގައި ދެފަރާތުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވުމަށްފަހު، ގަޑިއިރުތަކެއްގެ ތެރޭގައި އެ އެއްބަސްވުން ބަދަލުކޮށްފައެވެ. މީގެ އިތުރުން، އިންޑިއާއިން ވަނީ ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލްގައި އަނެއްކާވެސް ހަމަލާދޭން ފަށާފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ. މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ކަމެކެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވެފައިވަނީ، ދެ ޤައުމުގެ ސިފައިންގެ އިސްވެރިންގެ މެދުގައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާރު ވެފައިވާ އެއްބަސްވުމަކީ ވަގުތީ ފިޔަވަޅެއްގެ ގޮތުގައި ކަމަށާއި، މުސްތަޤުބަލުގައި މި އެއްބަސްވުން އިތުރަށް ވަޒަންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.