Ads by Aqeeqa Maldives

ޚަބަރު

"މޯލްޑިވްސް 2.0"ގެ މަޤުސަދު ވަރަށް ތަފްސީލުކޮށް ވަޒީރު އިޙްސާން ޙިއްސާކުރައްވައިފި

"މޯލްޑިވްސް 2.0"ގެ މަޤުސަދު ވަރަށް ތަފްސީލުކޮށް ވަޒީރު އިޙްސާން ޙިއްސާކުރައްވައިފި

"މޯލްޑިވްސް 2.0" ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު އިޙްސާން، ފޮޓޯ: ރައީސް އޮފީސް

11 މޭ 2025، 10:53

"މޯލްޑިވްސް 2.0" ސަމިޓު ނިންމުމުގެ ރަސްމިޔައްޔާތުގައި، ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި މަޤުސަދު ވަރަށް ތަފްސީލުކޮށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން ޙިއްސާކުރައްވައިފިއެވެ.

އެގޮތުން، 17 ނޮވެންބަރު 2023 ވަނަ ދުވަހުގެ ކުރިން ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު އޮތްގޮތްކަމަށް ބުނެ ވަޒީރު އިޙްސާން ވަނީ ވަކިވަކިން މަސައްކަތް ކުރަމުން ދިޔަ ނިޒާމެއްގައި ހުރި އުނދަގޫތަކާއި، ރައްޔިތުންނަށް އުފުލަން ޖެހޭ ތަކުލީފާއި އަދި ލިޔުންތަކުގެ ސައްޙަކަން ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ނިންމި ސަބަބުތައް:

  • ދައުލަތުގެ ގިނަ އިދާރާތަކުގައި އެ ތަނަކުން ދޭ ޚިދުމަތްތައް ޕޯޓަލްއެއް މެދުވެރިކޮށް އެދޭގޮތަށް ނުވަތަ ފޯމުތައް ފުރައިގެން އީމެއިލް މެދުވެރިކޮށް ޚިދުމަތަށް އެދެވޭ ގޮތް ހަދާފައި ހުރުން. 
  • އެއް އިދާރާއަކުން ދޫކުރާ ސްޓެފިކެޓް ނުވަތަ ޙުއްދައިގެ ކޮޕީ އަނެއް އިދާރާއަކަށް އަޕްލޯޑުކޮށް، ތަކުރާރުކޮށް އެއް ލިޔުމެއް ހިފައިގެން އެކިތަންތަނަށް ދާންޖެހުން.
  • އެއް އިދާރާއަކުން ދޫކުރާ ސްޓެފިކެޓް ނުވަތަ ޙުއްދައަކީ އަސްލެއްތޯ ބެލުމަށް އަނެއް އިދާރާއަކުން ދިއުމުން، މިކަން ޔަގީން ކުރުމަށް ދެ އިދާރާއާ މުޢާމަލާތް ކުރަން ޖެހުން.
  • ޚިދުމަތަށް އެދުމަށްފަހު ދަންނަ މީހާއަށް ނުވަތަ ފައިސާއަށް އަވަސްކޮށްދޭނެހެން ހީވާ މީހާއަށް ގުޅަން ޖެހޭނެކަމުގެ އާދައެއް ހަރުލާފައި އޮތުން.
  • ދައުލަތުގެ ކޮންމެ އިދާރާއެއްގައި ސާރވާތަކާއި، ޑޭޓާބޭސްތައް ވަކިވަކިން ހުރުމުން، މުޅި ދަޢުލަތުގައި މަޢުލޫމާތުތައް ރިޕީޓްވުން.
  • ރައްޔިތުން އުޅެންޖެހެނީ ކޮންމެ އިދާރާއެއްގެ ޕޯޓަލްތައް ބޭނުންކުރުމަށް ވަކިވަކި އެކައުންޓުތައް ހަދައިގެން.
  • ޒިންމާދާރު އޮޑިޓެއް ނުކުރެވުން.
  • ސިސްޓަމްތަކުގައި ރައްކާކުރާ ހުރިހާ ޑޭޓާ ހުރީ ސަލާމަތްތެރިކޮށްކަމެއް ކަށަވަރު ނުކުރެވުން.
  • ސިސްޓަމްތަކުގެ ސްޓެބިލިޓީ އަދި ސެކިއުރިޓީ ޤާއިމްކޮށްފައި ހުރީ އެ ތަނެއްގައި އެ ވަގުތަކު މަސައްކަތްކުރަމުން ދިޔަ ބައެއްގެ ޤާބިލްކަން ހުރި މިންވަރަކަށް، މުޅި ދައުލަތުގެ ޑިޖިޓަލައިޒިން ވަކި ސްޓޭންޑާރޑެއް ނެތުން.

މި ސަބަބުތަކާ ގުޅިގެން ސަރުކާރުގެ ނިޒާމު ބިނާވެފައި އޮތީ ދެފުށް ނުފެންނަ، ސަލާމަތީ ގޮތުން ބަލިކަށި ގޮތަކަށްކަން ވަޒީރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިހާރު އޮތީ ޒަމާނަށްފެތޭ ނިޒާމެއް ކަމަށް ނުބުނެވޭނެކަމަށް ވަޒީރު ފާހަގަކުރެއްވެވިއެވެ. 

މިއީ ކޮރަޕްޝަނަށް އާދަޔާ ޚިލާފަށް މަގުފައިވާގޮތަށް އޮތް ނިޒާމެއް.

މިހާރުގެ ނިޒާމް ސިފަކުރައްވަމުން ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން ރައީސް މުއިއްޒު "މޯލްޑިވްސް 2.0" ގެންނެވީ މި ސަބަބުތަކާހެދިކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ބޭނުމަކީ މިކަން ބަދަލުކޮށް، ހާލަތު ބަދަލުކުރުންކަމަށް ވިދާޅުވިއެވެ. 

މޯލްޑިވްސް 2.0ގައި އަޅުގަނޑުމެން ޤާއިމްކުރާނީ ދެ ފުށް ފެންނަ އަދި ހާމަކަން ބޮޑު ނިޒާމެއް. އެއްވެސް ފަރުދެއް، ރަށެއް ބާކީނުވާ، ޚިދުމަތްދޭ ސިސްޓަމްތަކެއް. ދައުލަތުގެ ހުރިހާ އިދާރާއެއް އެއް ސިސްޓަމަކުން ގުޅާލެވިފައިވާ، އެއް މަޢުލޫމާތެއް ދަޢުލަތުގެ އިދާރާތަކަށް ތަކުރާރުކޮށް ހުށަހަޅަން ނުޖެހޭ ޑިޖިޓަލް ވިއުގަތަކެއް.

ވަޒީރު އިޙްސާން ވިދާޅުވިއެވެ.

އެގޮތުން "މޯލްޑިވްސް 2.0" ފުރިހަމަވެގެންދާއިރު ޤާއިމްވެގެން ދާނީ ޚިދުމަތްހޯދަން އަންނަ މީހާ އިސްކުރާ ނިޒާމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މިއީ އޯގާތެރި ސަރުކާރެއްގެ ސިފަ ގެނުވާނެ ބަދަލެއް ކަމަށާއި، ސަލާމަތީ ގޮތުން ވަރުގަދަ ބަދަލަކަށް ވެގެންދާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS