ޚަބަރު
ޒަމާނުއްސުރު މަތީސާނަވީ މަރުހަލާއިން ދަރިވަރުން ބާކީކޮށް މަގުމަތިކުރަމުން އައި ސަޤާފަތް ނައްތާލާނަން: ތަޢުލީމީ ވަޒީރު

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު/ފޮޓޯ: އެޑިޝަން އެމްވީ
ޒަމާނުއްސުރު މަތީސާނަވީ މަރުހަލާއިން ދަރިވަރުން ބާކީކޮށް މަގުމަތިކުރަމުން އައި ސަޤާފަތް ނައްތާލާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ 9،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިކަމަށް ބުނެ "މިހާރު" ނޫހުގައި ލިޔެފައިވާ ޚަބަރަކީ ދޮގު މަޢުލޫމާތެއްކަމަށް ބުނެ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ 9،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިކަމަށް ބުނެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ ތަފާސް ހިސާބަށް ބިނާކޮށް "މިހާރު" ނޫހުގައި ލިޔެފައިވާ ޚަބަރަކީ ރަނގަޅު ތަފާސް ހިސާބުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚަބަރެއް ނޫންކަމަށެވެ. އަދި މި ޚަބަރުގައި ހަވާލާ ދީފައިވާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްކްސްގެ ތަފާސް ހިސާބުތައް އެކުލަވާލާފައިވާ ގޮތް ވެސް ގޯސްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އެގޮތުން، 2022 ވަނަ އަހަރު ނުވަހާހަށް ވުރެ ގިނަ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ކަމަށް ބުނެ އެކުލަވާލާފައިވާ ތަފާސްހިސާބުތަކުގައި ޢުމުރުން 2 އަހަރާއި 3 އަހަރުގެ ކުދިން ހިމަނާފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، މިއީ ތަޢުލީމީ ޤާނޫނުން ރަސްމީ ތަޢުލީމު ހާސިލްކުރުމަށް ސްކޫލަށް ދާންޖެހޭ އުމުރުފުރާގެ ކުދިންނެއް ނޫންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ރަސްމީ ތަޢުލީމު އުނގެނުން މަޖުބޫރު ނޫން ކުދިން ހިމަނައިގެން މިފަދަ ތަފާސްހިސާބެއް ނެރުމަކީ ގޯހެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، އެކި އެކި ގޮންޖެހުންތަކުގެ ސަބަބުން ސްކޫލަށް ނުދާ ދަރިވަރުން އެ ވުޒާރާއިން އަބަދުވެސް ފާހަގަކުރާ ކަމަށެވެ. އަދި މިފަދަ ޙާލަތްތަކާ މެދު ކަމާ ބެހޭ މުއައްސަސާތަކާއި ތަޢުލީިމީ ވުޒާރާއިން ގުޅިގެން އަބަދުވެސް ފިޔަވަޅު އަޅަމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ކުރިން ނޭޝަނަލް ބިއުރޯ އޮފް ސެޓެޓިސްޓިކްސް އިން ނެރެފައިވާ ރިޕޯޓެއްގައި ވާގޮތުން، 2022 ވަނަ އަހަރު ޤަވާއިދުން ސްކޫލަށް ނުދާކަމަށް ފާހަގަކުރެވިފައިވަނީ 299 ކުދިން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ މާލެއިން 85 ކުދިންނާއި އަތޮޅޫތެރޭގެ އެކި ރަށްތަކުން 144 ކުދިންނެވެ.
ވަޒީރު ވިދާޅުވީ، އެމަނިކުފާނު މަޤާމާއި ހަވާލުވުމަށް ފަހު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތަކީ ގްރޭޑް 10 ނިންމުމަށްފަހު ދަރިވަރުން މަތީސާނަވީގައި ބައިވަރިކުރެވޭ މިންވަރު މަތިކުރުމަށް ވާންޖެހޭ ތައްޔާރީތައްވުުން ކަމަށެވެ. އެގޮތުން، ނިމިދިޔަ އަހަރު ގްރޭޑް 10 ނިންމާ ދަރިވަރުން މަތީސާނަވީ މަރުހަލާގައި އިތުރު ކުރުމުގެ ގޮތުން 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއް ފެށުނުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މި އަހަރު އެ ޕްރޮގްރާމް ރަސްމީކޮށް އޭލެވެލް ކިޔަވައިދޭ ހުރިހައި ސްކޫލެއްގައި ތަންފީޒު ކުރެވިގެން ދާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޒަމާނުއްސުރު މަތީސާނަވީ މަރުހަލާއިން ދަރިވަރުން ބާކީކޮށް މަގުމަތިކުރަމުން އައި ސަޤާފަތް ނައްތާލެވިގެންދާނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.