ޚަބަރު
ހުޅުމާލޭ ކްލިނިކެއްގައި ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ

ހުޅުމާލެ ޕޮލިސް ސްޓޭޝަން/ފޮޓޯ: އެޑިޝަން އެމްވީ
ހުޅުމާލޭ ކްލިނިކެއްގައި ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވުމުގެ ސަބަބުން ފުލުހުން މި މައްސަލަ ބަލަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ހިނގާ މެއި މަހުގެ 05 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކް އަކަށް ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާވެދާނެ ފަދަ ގޮތަކަށް ޢަމަލުކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 10 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖާއަށް އެ ކްލިނިލްގައި އުޅޭ މީހަކު އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ މިހާރު ވަނީ މީސްމީޑިޔާގައި ޢާންމުވެފައެވެ. އަދި އެ ވީޑިއޯގައި ފެންނަނީ ނޫކުލައިިގެ ހެދުމެއް ލައިގެން ހުރި އަންހެނަކު ކުޑަކުއްޖާ އަށް އަނިޔާކުރަމުންދާ މަންޒަރެވެ.
މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.