ދުނިޔެ

"އެއްވެސް ޝަރުތަކާ ނުލައި" ސީދާ މަޝްވަރާތައް އަލުން ފަށަންވީ : ޕުޓިން

"އެއްވެސް ޝަރުތަކާ ނުލައި" ސީދާ މަޝްވަރާތައް އަލުން ފަށަންވީ : ޕުޓިން

ރަޝިއާގެ ރައީސް ޕުޓިން އަދި ޔުކްރޭންގެ ރައީސް ޒެލެންސްކީ ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 މޭ 2025، 03:03

11 މޭ 2025، 03:03

ރަޝިއާގެ ރައީސް ވްލަދިމީރު ޕުޓިން ވަނީ މެއި 15 ގައި އިސްތަންބޫލުގައި ޔުކްރެއިނާއާއެކު "އެއްވެސް ޝަރުތަކާ ނުލައި" ސީދާ މަޝްވަރާތައް އަލުން ފެށުމަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުން އައިސްފައިވަނީ ޔުކްރެއިނާއާއި އެ ޤައުމުގެ އެކުވެރިން ރަޝިއާއަށް ޝަރުތަކާ ނުލައި 30 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމާ ގުޅިގެންނެވެ.

އާދީއްތަ ދުވަހުގެ ފަތިހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވީ 2022 ވަނަ އަހަރުގެ މާރިޗު މަހު އިސްތަންބޫލުގައި ބޭއްވުނު ކާމިޔާބު ނުވި ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރަށް ހުރި ކަމަށެވެ.

ޕުޓިން ބުނެފައިވަނީ "އަޅުގަނޑުމެން ޔުކްރެއިނާއާއެކު ސީރިއަސް މަޝްވަރާތަކެއް ކުރުމަށް ތައްޔާރަށް މިތިބީ" އަދި ޔުކްރެއިނާއާއެކު ސީދާ މަޝްވަރާތައް ކުރިއަށްދާއިރު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމުގެ ފުރުސަތު ބަންދުވެފައި ނުވާ ކަމަށެވެ.

ފުޓިންގެ މި ހުށަހެޅުން އައިސްފައިވަނީ ޔޫރަޕުގެ 4 މައި ޤައުމުގެ ލީޑަރުން ރަޝިއާއަށް އިންޒާރު ދިނުމަށްފަހުގައެވެ. އެ ލީޑަރުން ބުނެފައިވަނީ ހޯމަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމަށް ޝަރުތަކާ ނުލައި އެއްބަސްނުވާނަމަ ރަޝިއާގެ މައްޗަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ފްރާންސް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި ޕޮލެންޑުގެ ލީޑަރުން ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދު ލިބިގެން މި ހުށަހެޅުން ހުށަހަޅާފައިވާ ކަމަށެވެ. ޓްރަމްޕް ވަނީ ޔުކްރެއިނާއާއި ރަޝިއާ "އެންމެ މަތީ ފެންވަރުގެ މަޝްވަރާތަކަކަށް" އެއްވުމަށް ގޮވާލައްވާފައެވެ.

ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ  ކުރިން ވިދާޅުވެފައި ވަނީ ހަނގުރާމަ ހުއްޓާލުމަށްފަހު ސުލްހައިގެ މަޝްވަރާތަކަށް ތައްޔާރަށް ހުންނާނެ ކަމަށެވެ.

ޕުޓިން ވިދާޅުވީ ރަޝިއާއިން ވޭތުވެދިޔަ މަސްތަކުގައި އެކި ފަހަރު މަތިން ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެނަރޖީ އިންފްރާސްޓްރަކްޗަރއަށް ދެވޭ ހަމަލާތައް ހުއްޓާލުމާއި، އީސްޓަރ ދުވަހާ ގުޅިގެން 30 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމާއި، މެއި 8 އިން 10 އަށް ހަނގުރާމަ ހުއްޓާލުމެވެ. ނަމަވެސް ޔުކްރެއިނާގެ އޮފިޝަލުން ބުނެފައިވަނީ  ރަޝިއާއިން މި ހުރިހާ ހުށަހެޅުންތަކެއް ތަކުރާރުކޮށް ނިގުޅައިގަނެފައިވާ ކަމަށެވެ.

ފުޓިން އާދީއްތަ ދުވަހު ތުހުމަތު ކުރެއްވީ ޔުކްރެއިންއިން މި ހުރިހާ މަސައްކަތްތަކެއް ނަގާލާފައިވާ ކަމަށާއި، ރަޝިއާއަށް ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

މާރިޗު މަހު އެމެރިކާއިން ހުށަހެޅި 30 ދުވަހުގެ ވަގުތީ ހަނގުރާމަ ހުއްޓާލުމަށް ޔުކްރެއިނާއިން އެއްބަސްވި ނަމަވެސް، ކްރެމްލިންއިން ބޭނުންވަނީ އެމީހުންނަށް ފައިދާވާނެ ގޮތަކަށް ކަމަށް ޕުޓިން ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ ކްރެމްލިންއަށް ބޭނުންވަނީ "ދެމިގެންދާނެ ސުލްހައަކަށް" މަގުފަހިވާނެ ގޮތަކަށް ހަނގުރާމަ ހުއްޓާލުން ކަމަށެވެ. އަދި މެއި 15 ގައި އިސްތަންބޫލުގައި ބޭއްވުމަށް ހުށަހަޅާފައިވާ މަޝްވަރާތައް ފެސިލިޓޭޓް ކުރުމަށް ތުރުކީގެ ރައީސް ރެސެޕް ތައިޔިޕް އެރްދޮއާންއާ ވާހަކަދައްކާނެ ކަމަށް ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ޔުކްރެއިނާއަށް ފުޅާ ދާއިރާއެއްގައި ހަމަލާދިން ފަހުން، ތުރުކީގައި ބޭއްވުނު މަޝްވަރާތައް ނާކާމިޔާބުވެފައިވެއެވެ. އޭރު ހުށަހެޅުނު އެއްބަސްވުމުގައި ޔުކްރެއިނާ ވަކި ފަރާތަކަށް ނުޖެހި ތިބުމާއި، އެ ޤައުމުގެ ހަތިޔާރު އުފުލާ ބާރުތަކަށް ލިމިޓް ގެނައުމާއި، ރަޝިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކާ މެދު މަޝްވަރާކުރުން ފަސްކުރުން ހިމެނުނު ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.

ޕުޓިން ވިދާޅުވީ "ހަގީގަތުގައި ސުލްހަ ބޭނުންވާ ފަރާތްތަކުން" އޭނާގެ މި ހުށަހެޅުމަށް ތާއީދުކުރާނެ ކަމަށެވެ.

ހޮނިހިރު ދުވަހު ކީވްގައި ޔޫރަޕުގެ ލީޑަރުންނާއެކު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ މި ބައްދަލުވުމަކީ "ވަރަށް މުހިންމު ސިގްނަލެއް" ކަމަށެވެ. 5 ލީޑަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހޯމަ ދުވަހުން ފެށިގެން "މަދުވެގެން 30 ދުވަހުގެ" ހަނގުރާމަ ހުއްޓާލުމަކަށް ގޮވާލާ ކަމަށެވެ.

ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވިދާޅުވީ އެމެރިކާއިން މި ހަނގުރާމަ ހުއްޓާލުން މޮނިޓަރކުރުމުގައި އިސް ދައުރެއް އަދާކުރާނެ ކަމަށާއި، ޔޫރަޕުގެ ޤައުމުތަކުން އެކަމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި ރަޝިއާއިން މި ހަނގުރާމަ ހުއްޓާލުން ނިގުޅައިގަތްނަމަ "ބޮޑެތި ދަތިތަކެއް... ޔޫރަޕާއި އެމެރިކާ ގުޅިގެން ތައްޔާރުކޮށްފައިވާ" ކަމަށް އިންޒާރު ދެއްވިއެވެ.


                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS