ޚަބަރު
ބަނގުރާ ގެންގުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއަކު ޑީޕޯޓުކޮށްލަނީ

މަސްތުވާތަކެތީގެ ވިޔަފާރީގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ބަނގުރާ ގެންގުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއަކު ޑީޕޯޓުކޮށްލުމަށް ނިންމައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މި ތުހުމަތާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، މޮޓީ މިއާ، ބަންގްލަދޭޝް (38އ) އެވެ. ފުލުހުން ވިދާޅުވީ، މި މީހާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި މި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހު މާލޭގެ މަގުމަތިންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، މި މީހާ ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 115 ފުޅި ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.