ދުނިޔެ
ސްރީލަންކާގައި ބަހުގެ އެކްސިޑެންޓެއް ހިނގައި 21 މީހުން މަރުވެއްޖެ

ސްރީލަންކާގައި ހިނގި ބަސް އެކްސިޑެންޓް
ސްރީލަންކާައި ބަހުގެ އެކްސިޑެންޓެއް ހިނގައި 21 މީހަކު މަރުވެއްޖެ ކަމަށް އަލްޖަޒީރާގައި ރިޕޯޓު ކޮށްފިއެވެ.
މިއެކްސިޑެންޓަކީ ސްރީލަންކާގެ މެދުތެރޭގައި ބުދުދީނުގެ ބަޔަކު އަޅުކަމެއްއަދާކުރުމަށް ދަތުރުކުރަމުންދިޔަ ބަހެއް ވެއްޓިގެން ހިނގި އެކްސިޑެންޓެކެވެ. އެކްސިޑެންޓް ހިނގައިފައިވަނީ ސްރީލަންކާގެ ކޮޓްމަލޭ ޓައުން ކައިރިން ފަރުބަދަމަތީ ސަރަހައްދުގައެވެ.
ޓްރާންސްޕޯޓާއި ހައިވޭތަކާ ބެހޭ މިނިސްޓްރީގެ ނައިބު ވަޒީރު ޕްރަސަންނާ ގުނަސޭނާ ވިދާޅުވެފައިވަނީ 21 މީހަކު މަރުވެފައިވާ ކަމަށާއި އެމީހުން އެއީ ކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
އެސަރަހައްދުގެ އާންމުން ނުކުމެ އެކްސިޑެންޓުގައި ހަލާކުވި ބަހުން މީހުންތައް ނެރެ ހޮސްޕިޓަލްތަކަށް ގެންދިޔުމަށް އަވަސްވެ ނުގަތްނަމަ މަރުވި މީހުންގެ ޢަދަދު މިއަށްވުރެވެސް ގިނަވެެގެންދާނެ ކަމަށް ޕްރަސަންނާ ގުނަސޭނާ ވިދާޅުވެފައިވެއެވެ.
ޕޮލިހުން ބުނެފައިވަނީ 24 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެވިފައިވާ ކަމަށެވެ.
ހާދިސާގައި ސަލާމަތްވި މީހަކު ލޯކަލް ނޫސްވެރިއަކަށް ބުނީ އޭނާ ބަހުގެ ކުރިމަތީ ބައިގައި ހުރި ކަމަށާއި ނަސީބު ރަނގަޅު ކަމުން އޭނާއަށް ލިބުނީ ކުދިކުދި އަނިޔާތަކެއްކަމަށެވެ.