ޚަބަރު
ބ.ކެންދޫގެ ފެނާއި ނަރުދަމާ މަޝްރޫޢު ނިމުމަކާ ކައިރިވެއްޖެ

ބ.ކެންދޫގައި ކުރިއަށްދާ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢު
ބ.ކެންދޫގައި ކުރިއަށްދާ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢުގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ ފެނާއި ނަރުދަމާގެ ނިޒާމް ޓެސްޓްކޮށް ޕްރީކޮމިޝަންކުރުމުގެ މަސައްކަތްތަކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
ބ. ކެންދޫ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުގެ %88.3 ވަނީ ނިމިފައި @MWSC_Official pic.twitter.com/cVWEzGp7zY
— Ministry of Construction, Housing & Infrastructure (@MoCImv) May 8, 2025
މި މަޝްރޫޢުގެ ދަށުން ކެންދޫގައި 4.88 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް، 250 ގޭބިސީއަކަށް ކަނެކްޝަން ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނަޖިސް ބޭރުކުރުމަށް ދެ ޕަންޕް ސްޓޭޝަން ޤާއިމްކުރުމާއި ސީއައުޓްފޯލް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ފެނުގެ ނިޒާމުގެ ދަށުން 5.26 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން، ދުވާލަކު 66 އަކަ މީޓަރުގެ ފެން އުފެއްދޭވަރުގެ ދެ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށް 446 އަކަ މީޓަރުގެ ދެ ތާނގީއާއި ވާރޭފެން ރައްކާކުރުމަށް 450 އަކަ މީޓަރުގެ ތާނގީއެއް ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަނީ މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިންނެވެ. މި މަޝްރޫޢުގެ އަގަކީ 56.24 މިލިއަން ރުފިޔާއެވެ.