ދުނިޔެ

އިޒްރާއިލް ރައްޔިތުން ޔައްފާގެ މަގުތަކަށް ނުކުމެ ހަނގުރާމަ ހުއްޓާލުމަށް ގޮވަނީ

އިޒްރާއިލް ރައްޔިތުން ޔައްފާގެ މަގުތަކަށް ނުކުމެ ހަނގުރާމަ ހުއްޓާލުމަށް ގޮވަނީ

އިޒްރާއިލްގެ ރައްޔިތުން ކުރަމުންދާ މުޒާހަރާގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 މޭ 2025، 11:47

11 މޭ 2025، 11:47

އިޒްރާއިލް ރައްޔިތުން ޔައްފާ (ތެލް އަވީވް)ގެ މަގުތަކަށް ނުކުމެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާއި މުޒާހަރާ ކުރަން ފަށައިފިއެވެ.

ޔައްފާގެ މެދުތެރޭގައި އެތައް ހާސް އިޒްރާއީލް ރައްޔިތުންތަކެއް އެއްވެ، ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމާލައި، ހިޞާރުކޮށްފައިވާ ފަލަސްތީނުގެ ސަރަހައްދުގައި ޢަސީރުންގެ ގޮތުގައި ބައިތިއްބައިފައިތިބި އިޒްރާއިލް ޢަސީރުން ވަގުތުން މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލައިފައިވެއެވެ.

 

އިޒްރާއީލުގެ ނޫސް ހާރެޓްޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔައްފާ (ތެލް އަވީވް)ގައި އިޒްރާއީލުގެ ކެމްޕޭން ގްރޫޕެއް ކަމަށްވާ ހޮސްޓޭޖްސް އެންޑް މިސިންގ ފެމިލީސް ފޯރަމްގެ ހަފްތާ ބަންދުގައި ހޮނިހިރު ދުވަހު “ހޮސްޓޭޖްސް ސްކުއަރ” ގައި ބޭއްވިއިރު، ޢަސީރުންގެ އާއިލާތަކުން އިތުރު މުޒާހަރާއެއް އިޒްރާއީލުގެ ޢަސްކަރީ މައި މަރުކަޒުގެ ބޭރުގައި ކުރިއަށްގެންގޮސްފައިވެއެވެ.

ޔައްފާ (ތެލްއަވީވް)ގެ ހަބީމާ މައިދާނުގައި ވެސް ސަރުކާރާ ދެކޮޅު ވަކި މުޒާހަރާއެއް ވެސް ވަނީ ކޮށްފައެވެ.

 

ޓައިމްސް އޮފް އިޒްރާއީލުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމާސްއިން ޢަސީރެއްގެ ގޮތުގައި ގެންގުޅެ ދޫކޮށްލި ޝައި މޮޒޭސް ހަބީމާ މައިދާނުގައި ބޭއްވި މުޒާހަރާގައި އެއްވެ ތިބި މީހުންނާ މުޚާތަބްކޮށް ބުނެފައިވަނީ އިޒްރާއިލްގެ ހަޤީޤީ ދުޝްމަނަކީ ހަމާސް ނޫން ކަމަށާއި އިޒްރާއީލު ޔަހޫދީ އަދި ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި ހަލާކުކުރަމުންދާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށެވެ.

އުރުދުންގެ އައްމާނުން ރިޕޯޓް ކުރަމުން އަލްޖަޒީރާގެ ހަމްދާ ސަލްހޫތު ބުނީ “އަދިވެސް ޣައްޒާގައި ބަންދުކޮށްފައި ތިބި އިޒްރާއިލުގެ ޢަސީރުންގެ އާއިލާއިން ބުނަނީ ނަތަންޔާހޫ އަދިވެސް ހަނގުރާމަ ދިގުދެމިގެންދަނީ އަމިއްލަ އަދި ސިޔާސީ ފައިދާއަކަށް ކަމަށާއި އެއްވެސް ވަރަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި “ކޮމްޕްރޮމައިޒް” ކުރަން ނަތަންޔާހޫ ބޭނުންނުވާ ކަމަށެވެ.

އިޒްރާއިލްގެ 59 ޢަސީރެއް އަދިވެސް ޣައްޒާގެ އެތެރޭގައި ތިބި ކަމަށް ލަފާކުރާއިރު އޭގެ ތެރެއިން 35 މީހަކު މަރުވެފައިވާކަން ޔަޤީންކަމަށް އިޒްރާއިލުން ވަނީ ބުނެފައެވެ. އަދި ދިރިތިބީ 21 މީހެއްކަމަށްވެސް އިޒްރާއިލުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS