ދުނިޔެ

ޕާކިސްތާންގެ އޮޕަރޭޝަން "ބުންޔާން އުން މަރްސޫސް" ގެނަން ނަގާފައިވަނީ ކީރިތި ޤުރުއާންގެ އާޔަތަކުން

ޕާކިސްތާންގެ އޮޕަރޭޝަން "ބުންޔާން އުން މަރްސޫސް" ގެނަން ނަގާފައިވަނީ ކީރިތި ޤުރުއާންގެ އާޔަތަކުން

ޕާކިސްތާންގެ އޮޕަރޭޝަން "ބުންޔާން އުން މަރްސޫސް"

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 މޭ 2025، 01:23

10 މޭ 2025، 01:23

ޕާކިސްތާނުގެ އަސްކަރިއްޔާއިން މިއަދު އިންޑިއާގެ އަސްކަރީ މަރުކަޒުތަކަކަށް ހަމަލާދީފިއެވެ. މި ހަމަލާތައް ދީފައިވަނީ އިންޑިއާއިން ޕާކިސްތާނުގެ ސަރަޙައްދުތަކަށް ދިން ހަމަލާތަކަށް ޖަވާބުދާރީވުމުގެ ގޮތުންނެވެ. މި އޮޕަރޭޝަނަށް ޕާކިސްތާނުން ދީފައިވާ ނަމަކީ "ބުންޔާން އުން މަރްސޫސް" އެވެ.

ޕާކިސްތާނުގެ ސަރުކާރުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި އޮޕަރޭޝަން ފަށާފައިވަނީ 10 މެއި 2025 ގައެވެ. އެއީ އިންޑިއާއިން އެދުވަހުގެ ކުރީކޮޅު ޕާކިސްތާނުގެ ސަރަޙައްދުތަކަށް މިސައިލް އަދި ވައިގެ ހަމަލާތައް ދިނުމާ ގުޅިގެންނެވެ. ޕާކިސްތާނުގެ ސަރުކާރުން މި އޮޕަރޭޝަން ސިފަކޮށްފައިވަނީ އިންޑިއާގެ އަމަލުތަކަށް އެކަށީގެންވާ ގޮތެއްގައި ދ ދީފައިވާ ޖަވާބެއްގެ ގޮތުގައެވެ.

އިންޑިއާއިން ހޮނިހިރު ދުވަހުގެ ފަތިހު ޕާކިސްތާނުގެ ތިން އެއަރ ބޭސްއަކަށް މިސައިލް ހަމަލާ ދިންކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ. މީގެ ތެރޭގައި އިސްލާމާބާދާ ކައިރި އެއަރ ބޭސްއެއްވެސް ހިމެނެއެވެ. ނަމަވެސް ގިނަ މިސައިލްތައް ޕާކިސްތާނުގެ ދިފާޢީ ބާރުތަކުން ހުއްޓުވާލެވުނު ކަމަށް ބުނެފައިވެއެވެ.

"ބުންޔާން އުން މަރްސޫސް" އަކީ ޤުރުއާނުގެ އާޔަތަކުން ނަގާފައިވާ ނަމެކެވެ. މި ނަމުގެ މާނައަކީ "ތަޅާފައިވާ ދަގަނޑުން ބިނާކޮށްފައިވާ ފާރެއް" އެވެ. މިއީ ސޫރަތުއް ޞައްފު، 61:4 ގައި ވާ "بُنْيَـٰنٌۭ مَّرْصُوصٌۭ" މިބައެވެ. މިއީ ބާރުގަދަކަމާއި، އެއްބައިވަންތަކަމާއި، ނުފޫޒު ނުފޯރުވޭނެކަން ދޭހަކޮށްދޭ ނަމެކެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންޑިއާގެ އަސްކަރީ އަމާޒުތަކަށް މިސައިލް ހަމަލާ ދީފައިވާއިރު، އިންޑިއާގެ ހަމަލާތަކުގައި ޝަހީދުވި ކުޑަކުދިންނަށް ޚާއްޞަ އިޙްތިރާމެއް އަދާކޮށްފައިވެއެވެ. މިގޮތުން މިސައިލް ދޫކުރި ވެހިކަލްއެއްގައި އެ ކުދިންގެ ނަންތައް ލިޔެފައިވާ ބެނަރއެއް ހަރުކޮށްފައިވެއެވެ.

ކަޝްމީރާ ގުޅޭގޮތުން އިންޑިއާ އާއި ޕާކިސްތާނުގެ މެެދުގައި އޮތް ދިގު ޒަމާންވީ ޚިލާފު އަލުން އުފެދި، ބުދަ ދުވަހުން ފެށިގެން ދެ ޤައުމުގެ މެދުގައި ކޮންމެ ދުވަހަކު ހަމަލާތައް ބަދަލުކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިނުމާ ގުޅިގެން ޕާކިސްތާނުން ބަދަލު ހިފާނެކަމަށް ކުރިން އިންޒާރުދީފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS