ދުނިޔެ
އިންޑިއާގެ އެއަރ ފޯސްގެ ޕައިލެޓެއް ކަމަށްވާ ޝިވާންގީ ސިންގް ޕާކިސްތާނުގެ ބާރުތަކުގެ ބެލުމުގެ ދަށަށް

ޝިވާންގީ ސިންގް ފޮޓޯ:އިންޓަނެޓް
އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އިތުރުވަމުންދާ ސަރަޙައްދީ ކުރިމަތިލުންތަކާ ގުޅިގެން، އިންޑިއާގެ އެއަރ ފޯސްގެ ޕައިލެޓެއް ކަމަށްވާ ޝިވާންގީ ސިންގް ޕާކިސްތާނުގެ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ ދެ ޤައުމުގެ މެދުގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެންނެވެ.
ޝިވާންގީ ސިންގްއަކީ އިންޑިއާގެ ފަރާތުން ރަފާލް ފައިޓަރ ޖެޓް ދުއްވި ފުރަތަމަ އަންހެން ޕައިލެޓުންގެ ތެރެއިން އެކެކެވެ. އޭނާ ހައްޔަރުކުރެވުނީ ފަހުން ހިންގުނު ވައިގެ އޮޕަރޭޝަނެއްގައި ބައިވެރިވުމަށްފަހު ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް މި ހާދިސާގެ ތަފްޞީލު އަދި ސާފުވެފައެއް ނުވެއެވެ. އަދި އިންޑިއާ އާއި ޕާކިސްތާނުގެ ފަރާތުން މިކަމާ ގުޅޭ ރަސްމީ އެއްވެސް ބަޔާނެއް އަދި ދީފައެއް ނުވެއެވެ.
އިންޑިއާގެ އުދުވާނީ ޢަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން، ޕާކިސްތާނުން ވަނީ "އޮޕަރޭޝަން ބުންޔާނުން މަރްޞޫޞް" ގެ ނަމުގައި ބޮޑު ސްކޭލެއްގައި އަސްކަރީ ކެމްޕެއިނެއް ފަށާފައެވެ. މި އޮޕަރޭޝަނުގެ ނަން ނަގާފައިވަނީ ޤުރުއާނުގެ އާޔަތަކުން ކަމަށް، ސަލާމަތީ ވަސީލަތްތަކުން މަޢުލޫމާތު ދީފައިވެއެވެ. މިއީ ޕާކިސްތާނުގެ މިނިވަންކަން ދިފާޢުކުރުމުގެ ޢަޒުމުގެ ރަމްޒެއް ކަމަށްވެސް ބުނެފައިވެއެވެ.
ހޮނިހިރު ދުވަހުގެ ފަތިހު، ޕާކިސްތާނުގެ ހަތިޔާރުވެރި ބާރުތަކުން މި އޮޕަރޭޝަން ފަށާފައިވަނީ އިންޑިއާގެ އަމާޒުތަކަށް ފަތަޙް-1 މިސައިލެއް ދޫކޮށްލައިގެންނެވެ. އިންޓަރ-ސަރވިސަސް ޕަބްލިކް ރިލޭޝަންސް (އައި.އެސް.ޕީ.އާރު) އިން ބުނާ ގޮތުގައި މި މިސައިލްގެ ރޭންޖަކީ 120 ކިލޯމީޓަރެވެ. އަދި މިއީ އެޑްވާންސްޑް ނެވިގޭޝަން ސިސްޓަމްތަކާއި މަތީ ޕްރެސިޝަން ހިމެނޭ މިސައިލެކެވެ.
މި ހާދިސާއާ ގުޅޭ ބައެއް ވީޑިއޯތައް އޮންލައިންކޮށް ދައުރުވަމުންމުންދާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.