Ads by Aqeeqa Maldives

ޚަބަރު

ފުލުހުންގެ މުއައްސަސާގެ ގަދަރު ހިފެހެއްޓުމަށްޓަކައި ކޮންމެ ފުލުހަކުވެސް މަސައްކަތްކުރަންޖެހޭ: ޑީސީޕީ ނަވީން

ފުލުހުންގެ މުއައްސަސާގެ ގަދަރު ހިފެހެއްޓުމަށްޓަކައި ކޮންމެ ފުލުހަކުވެސް މަސައްކަތްކުރަންޖެހޭ: ޑީސީޕީ ނަވީން

ޑީސީޕީ ފުލުހުންގެ ހިދުމަތުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގެ އޮފިސަރުންނާ ބައްދަލުކުރެއްވުން/ފޮޓޯ: ފުލުހުން

09 މޭ 2025، 06:01

ފުލުހުންގެ މުއައްސަސާގެ ގަދަރު ހިފެހެއްޓުމަށްޓަކައި ކޮންމެ ފުލުހަކުވެސް މަސައްކަތްކުރަންޖެހޭކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ. 

ޑެޕިއުޓީ ކޮމިޝަނަރ މިފަދައިން ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގެ އޮފިސަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޑީސީޕީ ވިދާޅުވީ، ފުލުހުންގެ ޒިންމާ އަދާކުރުމުގައި މުވާސަލާތު ކުރުމުގެ ހުނަރަކީ މުހިންމު ހުނަރެއް ކަމަށެވެ. އަދި  ކޮންމެ ފުލުހަކީ ވެސް މި ހުނަރު ދަސްކޮށް ޒިންމާތައް އަދާކުރުމުގައި މި ހުނަރުގެ ބޭނުން ހިފާ މީހަކަށް ވާނެ ޖެހޭ ކަމަށް ދެކިލައްވާކަމަށް ޑީސީޕީ ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ލީޑަރޝިޕް މަޤާމުތަކުގައި ތިއްބަވާ ފުލުހުން އަދާކުރައްވަން ޖެހޭ ޒިންމާތަކާއި، އެކުވެރި މާޙައުލެއްގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ފުލުހުންގެ މުއައްސަސާގެ ޤަދަރު ހިފެހެއްޓުމަށް  ކޮންމެ ފުލުހަކުވެސް މަސައްކަތް ކުރައްވަންޖެހޭ ކަމަށް ޑީސީޕީ ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ހާމަކަންބޮޑު ގޮތެއްގައި ޢާންމުކުރެވެން ހުރި މަޢުލޫމާތުތައް ހާމަކުރުމުގެ މުހިންމުކަން ވެސް ޑީސީޕީ ނަވީން ވަނީ ފާހަގަކުރައްވާފައެވެ. އަދި ފުލުހުންނަކީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ބައެއްކަން ފާހަގަކުރައްވާ ޑީސީޕީ ވިދާޅުވީ، އެންމެން ގުޅިގެން މަސައްކަތްކުރުމުން ރައްޔިތުން ބޭނުންވާފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވިދާނެކަމަށެވެ. 

ޑީސީޕީ ނަވީން ވިދާޅުވީ، ފުލުހުންގެ މެދުގައި އޮންނަންޖެހޭ އެކަކު އަނެއްކަކަށް އިހުތިރާމު ކުރުމުގެ ސަގާފަތް އާލާކޮށް ދެމެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މަސައްކަތުގެ ވަގުތުގައި ފުރިހަމަ ސަމާލުކަންދީ ފަރުވާތެރިކަމާއެކު މަސައްކަތްތައް ނިންމުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވަލައްވާފައެވެ.

ޑެޕިއުޓީ ކޮމިޝަނަރގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ކޮންމެ ފުލުހަކުވެސް ދިރިއުޅުމުގައި ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، ނަމަވެސް ހިތްހަމަނުޖެހޭ ދަނޑިވަޅުތަކުގައިވެސް އަވަސްއަރުވާލައްވައިގެން ނިންމުންތައް ނުނިންމެވުމަށް އިރުޝާދު ދެއްވަމުންނެވެ. އަދި މިހާރަށް ވުރެ ވެސް ޒިންމާދާރު ގޮތެއްގައި މަސައްކަތްކުރެއްވުމަށް އެންމެހާ މުވައްޒަފުންގެ އަރިހުން ވަނީ އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS