ޚަބަރު
ސްރީލަންކާގެ މަސް ބޯޓެއް އޮޔާދާތީ އެމްއެންޑީއެފުން އެކަން ބަލަނީ

ބޯޓު އޮޔާދާ ސަރަޙައްދު/ފޮޓޯ: އެމްއެންޑީއެފް
ސްރީލަންކާގެ މަސް ބޯޓެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެ ބޯޓުގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވީ، އައްޑު އަތޮޅު ހުޅަނގުން ސްރީލަންކާގެ މަސް ބޯޓެއްގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓުގާޑުން ދަނީ އެ ބޯޓުގެ ކަންކަން ވަރަށް ގާތުން ބަލައި މޮނީޓަރ ކުރަމުން ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެމްއެންޑީއެފުން މަޢުލޫމާތުދޭ ގޮތުގައި، އެ ބޯޓު މިހާރު އޮތީ ސ. ހިތަދޫގެ ހުޅަނގުން 70 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ. އަދި އެ އުޅަނދު އޮޔާ އަންނަނީ އައްޑޫސިޓީ ހިތަދޫ ކޯއްޓޭއާ ދިމާލަށް ކަމަށް މަޢުލޫމާތު ލިބެއެވެ. ހަމަ އެހެންމެ، މި ބޯޓަކީ ފެހިކުލައާއި ނޫކުލަ ލާފައިވާ އުޅަނދެއްކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
މި ބޯޓުގައި ތިބި ފަޅުވެރިންގެ ހާލު ރަނގަޅުކަމަށް މި ބޯޓުން ބުނެފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.