ޚަބަރު
ދިވެހިރާއްޖޭ ޒަކާތު ހައުސްއިން ޒަކާތަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ރ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

ދިވެހިރާއްޖޭ ޒަކާތު ހައުސްއިން ޒަކާތަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ރ. އަތޮޅުގައި ކުރިއަށް ގެންދިޔުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭ ޒަކާތު ހައުސްއިން ރައްޔިތުން ޒަކާތަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ރ. އަތޮޅުގެ އެކި ރަށްތަކުގައި ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް އެ އަތޮޅުގައި ކުރިއަށް ގެންގޮސްފައިވަނީ، ރ. އުނގޫފާރު، ރ. ދުވާފަރު، ރ. މާކުރަތު، ރ. މީދޫ، އަދި ރ. މަޑުއްވަރީގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދީނީ ދަރުސްތަކާއި، ސްކޫލް ދަރިވަރުން ޒަކާތަށް ހޭލުންތެރިކުރުމުގެ ސެޝަންތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނާއި ޢާންމުން އަދި ވިޔަފާރިވެރިން ޒަކާތަށް ހޭލުންތެރިކުރުމަށް ވެސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، މިސްކިތުގެ ދަރުސްތަކާއި ސެޝަންތައް ނަންގަވައިދެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ފަޟީލަތުއްޝައިޚް ޢިއްޒުދީން އަދުނާންގެ އަދި ވާއިޡް މުސާޢިދު އައްޝައިޚް ޙަސަން ތަޢުފީޤް އެވެ.
މީގެ އިިތުރުން މި ދަތުރުގައި، ދިރިއުޅުމުގެ ޙާލަތު ދަށް ޢާއިލާތަކަށް ޒިޔާރަތްކޮށް އެފަރާތްތަކުގެ ޙާލު ބަލާފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ޖުމްލަ 5 ރަށުގައި ދިރިއުޅޭ 37 ޢާއިލާއަކާއި ބައްދަލުކުރުމަށް ފަހު އެފަރާތްތަކުގެ ޝަކުވާ އަޑު އައްސަވާ، ދިރިއުޅުމުގައި ދަތިވާކަންކަން ވަނީ އޮޅުންފިލުވާފައެވެ. އަދި މި ފަރާތްތަކާއި ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އެހީތެރިކަން ބޭނުންވާ ޒަރޫރީކަންކަމަށް އެހީތެރިކަން ފޯރުކޮއްދިނުން ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ޒަކާތު ހައުސް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ އިސްނެންގެވުމުގެ މަތިން ޒަކާތުގެ ކަންކަން ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށް އުފައްދަވާފައިވާ އިދާރާއެކެވެ. ޒަކާތުގެ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ޒަކާތު ހައުސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.