ދުނިޔެ
ޣައްޒާއަށް ތަކެތި ވެއްދޭނެ މަގު ނެތިގެން ވޯލްޑް ސެންޓްރަލް ކިޗަން ޣައްޒާގައި ހިންގުން ހުއްޓާލައިފި

ޣައްޒާގެ ކުޑަކުދިންތަކެއް ކާތަކެތި ބަހާ ތަނެއްގައި.
އިޒްރާއިލުން ފަލަސްޠީނުގެ ބޯޑަރުތައް ބަންދުކޮށްފައި ހުރުމުން ތަކެތި ވެއްދޭނެ މަގު ނެތިގެން ވޯލްޑް ސެންޓްރަލް ކިޗަން ބަންދުކޮށްފިއެވެ.
މިއަދު، ވޯލްޑް ސެންޓްރަލް ކިޗަން އޮގަނައިޒޭޝަނުން އިޢުލާނުކޮށްފައިވަނީ، މާޗް މަހުގެ ފެށުމުން ފެށިގެން ދެމިގެންދާ އިޒްރާއީލުގެ ހިޞާރުގެ ސަބަބުން ކާބޯތަކެތީގެ ސްޓޮކް އަދި ކައްކާ ތެޔޮ ހުސްވުމާ ގުޅިގެން، ޣައްޒާގައި އެފަރާތުން ހިންގަމުން އައި އިންސާނީ އެހީގެ ހުރިހާ މަސައްކަތްތަކެއް ހުއްޓާލާފައިވާ ކަމަށެވެ.
އިންސާނީ އެހީގެ އެ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި ހިޞާރުކުރެވިފައިވާ ރައްޔިތުންނަށް 130 މިލިއަނަށްވުރެ ގިނަ ކެއުމުގެ މީލްސް އަދި 26 މިލިއަން ރޮށި ފޯރުކޮށްދިނުމަށްފަހު، މިހާރު ޣައްޒާގައި ކާނާ ތައްޔާރުކުރުމަށް ނުވަތަ ރޮށި އުފެއްދުމަށް ބޭނުންވާ ތަކެތި ނެތް ކަމަށެވެ.
އަދި އެފަރާތުން އިތުރަށް ބުނެފައިވަނީ، މާޗް މަހުން ފެށިގެން ކާބޯތަކެއްޗާއި ކައްކާ ތެލުން ފުރާލާފައިވާ އެފަރާތުގެ ޓްރަކްތައް މިޞްރު، އުރުދުން އަދި އިޒްރާއީލުގެ ސަރަޙައްދީ ބޯޑަރުތަކުގައި ހުއްޓިފައިވާ ކަމަށެވެ. އަދި އެއީ 2 މިލިއަނަށްވުރެ ގިނަ ފަލަސްޠީނުގެ މީހުން ދިރިއުޅޭ ސަރަޙައްދަށް އެހީ ވަނުން އިޒްރާއީލުގެ އޮކިއުޕޭޝަން އޮތޯރިޓީތަކުން މަނާކުރުމުގެ ސަބަބުންކަމަށެވެ.
އެ ޖަމްޢިއްޔާގެ ބާނީ، ޝެފް ޚޯސޭ އަންދްރޭސް ވިދާޅުވެފައިވަނީ، އެޖަމިއްޔާގެ ޓްރަކްތައް ވަނުމަށް ތައްޔާރަށް އެބަތިބި ކަމަށާއި، އެކަމަކު ހުއްދައައެއް ނެތި އެއުޅަނދުތަކަށް ހަރަކާތްތެރިއެއް ނުވެވޭނެ ކަމަށާއި އިންސާނީ އެހީ ވަނުމަށް ހުއްދަ ހޯދަން ޖެހޭ ކަމަށެވެ.
އެ ޖަމްޢިއްޔާއިން އިތުރަށް ބުނެފައިވަނީ، އެފަރާތުގެ ފީލްޑް ކިޗަންތަކުގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ މިންވަރަށް ކާބޯތަކެތީގެ ސާމާނު މިހާރު ނެތް ކަމަށެވެ. އަދި އެފަރާތުން ކޮންމެ ދުވަހަކު ސަތޭކަ ހާހުން ގުނާ އަދަދަކަށް ރައްޔިތުންނަށް ކާނާ ފޯރުކޮށްދެމުން އައި ކަމަށާއި، މިހާރުގެ ޙާލަތުގައި ހަމައެކަނި ބޯފެން ފޯރުކޮށްދެމުންދާ ކަމަށް ބުނެފައިވެއެވެ.
އޮކިއުޕޭޝަން އޮތޯރިޓީތަކުން އިސްލާމިކް ރެސިސްޓަންސް މޫވްމަންޓް (ޙަމާސް) އަށް ތުހުމަތުކުރަނީ އިންސާނީ އެހީގެ ބައެއް ހަނގުރާމަވެރި ބޭނުންތަކަށް ބަދަލުކުރާ ކަމަށެވެ. މިއީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ދެކޮޅު ހަދާ ކަމެކެވެ. މި ދަނޑިވަޅުގައި ޣައްޒާގެ ރައްޔިތުން ދަނީ ކާބޯތަކެތީގެ ދަތިކަމާއި ވަރަށް ބޮޑަށް ކުރިމަތިލަމުންނެވެ. އަދި ބަނޑުހައިހޫނުކަން އިތުރަށް ގޯސްވެގެންދާނެ ކަމުގެ އިންޒާރު ތައް މެދުނުކެނޑި ދަނީ ދެމުންނެވެ.
އެކުވެރި ދައުލަތްތަކުގެ އިންސާނީ ހައްޤުތައް ވިލަރެސްކުރާ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި ޣައްޒާގައި 2.3 މިލިއަނަށްވުރެ ގިނަ މީހުން ކާބޯތަކެތެތީގެ ރައްކާތެރިކަމުގެ ބޮޑު ނުރައްކަލެއްގައި ވަނިކޮށް، އިޒްރާއީލުން ވަނީ މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން ކާބޯތަކެއްޗާއި، ބޭހާއި އަދި އެހެނިހެން ތަކެތި ވެއްދުމަށް ޣައްޒާގެ ހުރިހާ މަގުތަކެއް ބަންދުކޮށްފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން 171،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މީގެ އިތުރުން 11،000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.