ޚަބަރު
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "އުފާ ފެސްޓިވަލް" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

އުފާ ފެސްޓިވަލް/ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އެޗްޑީސީން ގުޅިގެން "އުފާ ފެސްޓިވަލް" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ހަވީރު 16:00 އިން ފެށިގެން 18:00 އާއި ހަމައަށް ހުޅުމާލެ ފޭސް - 2 ގެ ހިޔާ ޕާކު ސަރަޙައްދުގައި ކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި ކުޑަކުދިންގެ ހަވީރުގައި ކުދިން ޝައުޤުވެރިވާ ފަދަ ތަފާތު ގޭމްތަކެއް ހިމެނިފައިވާނެ ކަމަށެވެ. އެގޮތުން، ރޮބޯމޭން ގެ ޙަރަކާތްތަކުގެ އިތުރުން، ފޯމް ޕާޓީ، ބައުންސިންގ ކާސަލް، ބައުންސިންގ ހޯސް ރައިޑިންގ ގެ ގޭމްތައް ވެސް މި ކުޑަކުދިންގެ ހަވާރުގައި ވަނީ ހިމަނާފައެވެ. ހަމަ އެހެންމެ، ބުލް ބޭޝް، އޯބިޒް ޝޫޓިންގ، ބަބުލް ހައުސް، އަދި ވެކް އަ މޯލް ފަދަ ތަފާތު ކުޅިވަރުތަކެއް ކުޑަކުދިންނަށް ޚާއްޞަކޮށް ތައްޔާރުކުރެވިފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ވުޒާރާއިން ވިދާޅުވީ، މި ސަރަޙައްދަށް ޒިޔާރަތްކުރާ ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއެއް ލިބިގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، ޓްރާންސްފޯމާސް އާއި ކުޑަކުދިން ޝައުޤުވެރިވާ ތަފާތު ކެރެކްޓާތަކުގެ މެސްކޮޓްތައް ވެސް ހިޔާ ޕާކު ސަރަޙައްދުގައި ހަދިޔާ ބެހުމުގައި ހަރަކާތްތެރިވާނެކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މި ދުވަހާއި ގުޅުވައިގެން ހޮނޮހިރު ދުވަހުގެ ރޭ 20:00 ގައި ހުޅުމާލެ ފޭސް - 2 ޕާކުގައި ޚާއްޞަ "މޫވީ ނައިޓް" އެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މޫވީ ނައިޓަކީ އެ ވުޒާރާއާއި އުރީދޫއާ ގުޅިގެން އިންތިޒާމްކޮށްފައިވާ ޚާއްޞަ ޙަރަކާތެއް ކަމަށެވެ.