ޚަބަރު
މަތީ ތަޢުލީމާ ބެހޭ ވަޒީރު ސްޕެއިންގައި ޕައިލެޓް ޓްރޭނިންގ ހަދަމުންދާ ދަރިވަރުންނާއި ބައްދަލުކުރައްވައިފި

ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު/ފޮޓޯ: މަތީ ތަޢުލީމާ ބެހޭ ވުޒާރާ
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ސްޕެއިންގައި ޕައިލެޓް ޓްރޭނިންގ ހަދަމުންދާ ދަރިވަރުންނާއި ބައްދަލުކުރައްވައިފިއެވެ.
މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ވަޒީރު ހައިދަރު ސްޕެއިންގައި ތިބި ބައެއް ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވާފައިވަނީ، ގޫގަލް މީޓް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.
މީގެ އިތުރުން އެ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި، ސަރުކާރުގެ މަތީ ތަޢުލީމާ ތަމްރީނުގެ ލޯނު އެހީގައި މި ވަގުތު ސްޕެއިންގައި ޕައިލެޓް ޓްރޭނިންގ ހަދަމުންދާ ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވާ ކަމަށެވެ. އަދި ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ ދަރިވަރުންގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް އަޑުއައްސަވާފައިކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ދަރިވަރުން ފާހަގަކުރެއްވި ކަންތައްތަކަށް އެކަށީގެންވާ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ސަރުކާރުގެ ލޯނުގެ އެހީގައި ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން ވަނީ، މީގެ ކުރިން ވެސް އެކުދިންގެ ހުރި ކަނބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ. އަދި މި ކަންކަން ވީ އެންމެ އަވަހަކަށް ޙައްލުކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ވިދާޅުވެފައެވެ.
ސްޓޫޑެންޓް ލޯނަށް 2023 ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޕައިލެޓްކަން ކިޔަވަން ލޯނަށް އެދުނު 479 ދަރިވަރަކަށް ސަރުކާރުން ވަނީ ލޯނު ދީފައެވެ.