ޚަބަރު
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މެލޭޝިޔާގެ ޔުނިވާސިޓީ އިސްލާމް ސެލަންގޯގެ ވައިސް ޗާންސެލަރ އާއި ބައްދަލު ކުރައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މެލޭޝިޔާގެ ޔުނިވާސިޓީ އިސްލާމް ސެލަންގޯގެ ވައިސް ޗާންސެލަރ އާއި ބައްދަލު ކުރެއްވުން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މެލޭޝިޔާގެ ޔުނިވާސިޓީ އިސްލާމް ސެލަންގޯގެ ވައިސް ޗާންސެލަރ އާއި ބައްދަލު ކުރައްވައިފިއެވެ.
މެލޭޝިޔާގެ ޔުނިވާސިޓީ އިސްލާމް ސެލަންގޯގެ ވައިސް ޗާންސެލަރ ދާތޯ ޕްރޮފެސަރ ޑރ. މުޙައްމަދު ފަރީސް ރަވީ ބިން އަބްދުﷲ އާއި ވަޒީރު ބައްދަލުކުރައްވާފައި ވަނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މެލޭޝިޔާގެ ޔުނިވާސިޓީ އިން ގުޅިގެން އިސްލާމީ ދާއިރާތަކުން މީހުން ބިނާ ކުރުމާއި ގުޅޭ ގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ރާއްޖޭގައި ޙަރަކާތްތެރިވާ އިމާމުންނާއި ޒުވާން ޚަތީބުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދެވިދާނެ ޕްރޮގްރާމްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. ހަމަ އެހެންމެ، ޙަލާލު މެނޭޖްމަންޓު ދާއިރާ ފަދަ މުހިންމު ދާއިރާތަކުން މީހުން ބިނާ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އިސްލާމީ ދާއިރާތަކުން މީހުން ބިނާކޮށް، އެމީހުންނަށް ބޭނުންވާ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ އަދުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެއް ކަމަށެވެ.