ދުނިޔެ
އަންހެން ދަރިފުޅަކު ބައްޕަކީތާ ހަތަރު ގަޑިއިރު: ނޫސްވެރިޔާ ޔަޙްޔާ ޝަހީދުކޮށްލައިފި

ނޫސްވެރިޔާ ޔަޙްޔާ
ފަލަސްޠީނުގެ ނޫސްވެރިޔާ ޔަޙްޔާ ޞަބީޙްއަށް އަންހެން ދަރިފުޅަކު ބައްޕަކީތާ ހަތަރު ގަޑިއިރުވީ ތަނުން އިޒްރާއިލުން ދިން ހަމަލާއެއްގައި ޝަހީދުވެއްޖެއެވެ.
ނޫސްވެރިޔާ ޔަޙްޔާ ޞަބީޙް ޝަހީދުވެފައިވަނީ ޣައްޒާ ސިޓީގެ އަލް ރެމަލް ނެއިބަރހުޑްގައި ހުންނަ ތައި ރެސްޓޯރެންޓަކަށް ދިން ހަަމަލާއެއްގައެވެ.
އަލް ޤުދުސް ނެޓްވޯކްގައި ބުނެފައިވަނީ ހަމަލާގައި ގިނަ ބަޔަކު ޒަޚަމްވެފައިވާކަމަށެވެ. އެ ހަމަލާގައި މިހާތަނަށް 25 މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެތެރޭގައި ދެމަފިރިއަކާއި އެދެމީހުންގެ ދަރިފުޅުވެސް ހިމެނެއެވެ.
ޣައްޒާ ސިޓީގެ އަލް ރެމާލް ސަރަހައްދުގައި ހުންނަ ތައި ރެސްޓޯރެންޓަށް އަމާޒުކޮށްގެން އިޒްރާއީލުން ވައިގެ ދެހަމަލާއެއް ދީފައިވެއެވެ.
އޭގެ މަދު ވަގުތުކޮޅެއްފަހުން އިޒްރާއީލުން އަނެއްކާވެސް ވައިގެ ހަމަލާއެއް ދީފައިވެއެވެ. އެ ހަމަލާދީފައިވަނީ ހަމަ އެނެއިބަރހުޑްގައި އޮންނަ ޕަލްމައިރާ ޖަންކްޝަންގައި ތިބި ބަޔަކަށެވެ.
ނޫސްވެރިޔާ ޔަޙްޔާގެ އިތުރުން މިއަދު ހެނދުނު އިޒްރާއިލުން އަލް ތުއްފާ ނެއިބަރހުޑްގައި ހުންނަ ކަރާމާ ސްކޫލަށް ދިން ހަމަލާއެއްގައި ނޫސްވެރިޔާ ނޫރް ޢަބްދޫ ވެސް ވަނީ ޝަހީދުވެފައެވެ.
މިއަދު ޝަހީދުވި ދެ ނޫސްވެރިންނާއި އެކު އިޒްރާއިލުން ޝަހީދުކޮށްލި ނޫސްވެރިންގެ ޢަދަދު 214 އަށް އެރީއެވެ.