ޚަބަރު
ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ޙަރަކާތްތަކާއެކު ފެމިލީ ކާނިވަލެއް ބޭއްވުމަށް ނިންމައިފި

ފެމިލީ ކާނިވަލް/ފޮޓޯ: އެޗްޑީސީ
ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ޙަރަކާތްތަކާއެކު ފެމިލީ ކާނިވަލެއް ބޭއްވުމަށް ނިންމަވައިފިއެވެ.
މި ޙަރަކާތްތައް ބޭއްވުމަށް ނިންމަވާފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގުޅިގެންނެވެ.
މިއިީ ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ޢާއިލާތަކުން އެއްތަނަކަށް އެއްވެ، ކުދި ބޮޑު އެންމެން އެކުގައި ހިތްގައިމު އަދި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ރާވާފައިވާ ޙަރަކާތްތަކެއް ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. އެގޮތުން ފަމިލީ ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 10 ވަނަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން 18:00 އަށް ހުޅުމާލޭ ހިޔާ ޕާކުގައެވެ.
ކާނިވަލްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް:
- ރޮބޯމޭން ޕާފޯމެންސް
- އެކްޓިވިޓީ ސްޓޯލްތައް
- ގޭމް ސްޓޯލްތައް
- އިންފްލޭޓަބަލް ކާނިވާ ގޭމްސް
- ފޮޓޯ: ވީޑިއޯ ބޫތު
- ފޯމް ޕާޓީ
- ފަޔަރ ވެހިކަލް (ފޮޓޯ ނެގުމަށް)
- ޓްރެފިކް ޕާކް
- ޑެންޓަލް ޗެކަޕް
އެޗްޑީސީން ވިދާޅުވީ، މި ކާނިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެކުގައި ކަމަށެވެ. އެގޮތުން، އައިލްނެޑް ބެވަރޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، އުުރީދޫ މޯލްޑިވްސްގެ ފަރާތުން ފޯމް ޕާޓީ ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން، މި ކާނިވަލުގައި ފުލުހުންނާއި، އެމްއެންޑީއެފް، އެޗްޕީއޭ، ޓްރީޓޮޕް ހޮސްޕިިޓަލް، ތެލެސީމިއާ ސޮސައިޓީ، މޯލްޑިވްސް އިސްލާމިކް ބޭންކް، މަމްސް އެންޖީއޯ، ކިޑްސް ޒޯން، ޑޫ ގުޑް އެންޖީއޯ، އަދި އެޗްއާރްސީއެމުން ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ހިނގާ މެއި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. ތަފާތު ގިނަ ޙަރަކާތްތަކާއެކު މި ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެންކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
އަދި ހުޅުމާލޭގެ އެކި ސަރަޙައްދުގައި ކުރިއަށްގެންދާ މި ފެސްޓިވަލްގައި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ވެސް ޚާއްޞަ ހަރަކާތްތަކެއް ހިމެނޭނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.