Ads by Aqeeqa Maldives

ޚަބަރު

ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އަސްނާ ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ރުހުންދީފި

ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އަސްނާ ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ރުހުންދީފި

ޢާއިޝަތު އަސްނާ ހަމްދީ/ފޮޓޯ: ވަން އޮންލައިން

07 މޭ 2025، 02:46

ހުލާސާ


 ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް ޢާއިޝަތު އަސްނާ ހަމްދީ ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ރުހުންދީފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮޮތޯރިޓީ، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އަސްނާ އައްޔަނުުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށައަޅުއްވާފައިވަނީ، އެ މަޤާމުގައި ހުންނެވި އަޙްމަދު އިމާދު މިދިޔަ މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ޢާއިޝަތު އަސްނާ ހަމްދީ އާއި އިންޓަރވިއުކޮށްފައެވެ. އަދި މި އިންޓަރވިއުގައި ވަނީ، އޭނާގެ ތަޢުލީމީ ދާއިރާއަށާއި، ލިބިފައިވާ ތަޖުރިބާތަކަށް ބެލުމަށްފަހު، އަސްނާއަކީ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް އެކަށޭނެ ޤާބިލު ފަރާތެއްކަމަށް މާލިއްޔަތު ކޮމެޓީ އިން ފާސްކޮށްފައެވެ. އެހެންކަމުން، މޯލްޑިވްސް މަނިޓަރީ އޮޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އޭނާ އައްޔަނުކުރުމަށް މަޖިލީހުގެ ކޮމިޓީން ރުހުން ދިނުމަށް ވަނީ ނިންމަވާފައެވެ.

އަސްނާ އަކީ މާލީ ދާއިރާގައި ވޭތިވެދިޔަ 20 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ ހީވާގި ކަނބަލެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން އެމްއެމްއޭގެ އެކި މަޤާމުތައް ފުރުއްވާފައެވެ. 2008 ވަނަ އަހަރު އެމްއެމްއޭ އާއި ގުޅިވަޑައިގެންނެވި އަސްނާ  ޑިގްރީ ހާސިލުކުރައްވާފައިވަނީ ބެޗްލަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން މެލޭޝިއާ ގައި ހުންނަ ޔުނިވަރސިޓީ އޮފް އީސްޓްލަންޑަންއިންނެވެ. އަދި މާސްޓަރސް އިން ބިޒްނަސް ފައިނޭންސް ޙާސިލުކުރައްވާފައިވަނީ މެލޭޝިއާގައި ހުންނަ ޔުނިވަރސިޓީ އޮފް ނޮޓިންގހަމްއިންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS