ދުނިޔެ
ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ސްކޫލަކަށް އިޒްރާއިލުން ހަމަލާދީފި

ޝަހީދެއްގެ ހަށިގަނޑު އުފުލަނީ.
ގެދޮރުގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުންތަކެއް ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ސްކޫލަކަށް އިޒްރާއިލުން ހަމަލާއެއް ދީފިއެވެ.
މި ސްކޫލަކީ ބުރައިޖް ރެފިޔުޖީ ކޭމްޕުގައި ހުންނަ ސްކޫލެކެވެ. ގެދޮރުގެއްލިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެމުންދިޔަ މި ސްކޫލަށް ދިން ހަމަލާގެ ސަބަބުން ގިނަ ބަޔަކު ޒަޚަމްވެގެން އަލް އަޤްޞާ މާޓަޒް ހޮސްޕިޓަލަށް ގިނަ ބަޔަކު ގެންދެވިފައިވާ ކަމަށާއި ހަމަލާގެ ސަބަބުން ގިނަ ބައެއްގެ ޙާލު ވަރަށް ދެރަވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ބޭހާއި ސާމާނު ނެތުމުގެ ސަބަބުން ފަރުވާދެވެން ނެތްކަމަށްެވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މި ހަމަލާގައި އެކަނިވެސް 20 މީހަކު ވަނީ ޝަހީދުވެފައެވެ. މިއީ ހަމައެކަނި މި ހަމަލާގައި ޝަހީދުވިމީހުންގެ ޢަދަދެވެެ.
މީގެ އިތުރުންވެސް ފަތިހުން ފެށިގެންމިހާތަނަށް 19 މީހަކު ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާގައި ވަނީ ރިޕޯޓު ކޮށްފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ހިމެނެނީ ބެއިތް ލާހިޔާ އާއި ބެއިތް ހަނޫންއަށް އިޒްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި ތިން މީހުންނާއި ޣައްޒާގައި ޝަހީދުވި އެކަކާއި ނޫސެއިރާތުގައި ޝަހީދުވި ދެމީހަކާއި ޚާން ޔޫނިސްގައި ފަސް މީހަކާއި ޝުޖާޔާއިން ދެމީހެކެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިޒްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގައި ފަލަސްތީނުގެ 52،615 މީހުން ޝަހީދުވެ، 118،752 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.