ޚަބަރު
އައްޑޫ ސިޓީގައި ހިއްކި ބިމުން ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލައިފި

އައްޑޫ ސިޓީ/ފޮޓޯ: ޕީއެސްއެމް
އައްޑޫ ސިޓީގައި ހިއްކި ބިމުން ފުރަތަމަ ފަހަރަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލައިފިއެވެ. ފުރަތަމަ ބުރުގައި ޖުމްލަ 251 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ބިމުން ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި ހިނގާ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 24 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ. ފޯމު ހުށައެޅޭނީ އެ އަވަށެއްގައި ހުންނަ އަވަށު އޮފީހަށެވެ.
ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ، އައްޑޫ ސިޓީ މަރަދޫ އަދި ފޭދޫގެ ރައްޔިތުންނަށެވެ. އެގޮތުން މަރަދޫއިން 175 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިބައިގައި ދެ ކެޓަގަރީއަކަށް ގޯތި ދޫކުރަން ހަމަޖެހިފައިވާއިރު، މިއީ މުޅިންވެސް 1500 އަކަފޫޓުގެ ބިންކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މި ކެޓަގަރީގެ ދަށުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ، މަރަދޫ އަވަށު ރައްޔިތުންނަށް 158 ގޯތި އަދި މަރަދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް ޚާއްސަކުރާ 17 ގޯއްޗެވެ.
މީގެ އިތުރުން އައްޑޫ ސިޓީ މަރަދޫފޭދޫ އިން ވަނީ ޖުމްލަ 76 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، މަރަދޫފޭދޫ ގެ ރައްޔިތުންނަށް ދޫކުރާ 68 ގޯއްޗާއި، މަރަދޫފޭދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ 8 ގޯއްޗެވެ.
އަައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢު ގެ ދަށުން ވަނީ ޖުމްލަ 190 ހެކްޓަރުގެ ބިން ހިއްކާފައެވެ. މީގެ ތެރޭގައި، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފަތުރުވެރިކަމަށް ޚާއްޞަ ކުރާ 3 ރަށާއި ހަންކެޑައަށް ބިން އިތުރުކުރުން ހިމެނެއެވެ.