ޚަބަރު
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ބްރުނާއީއާއެކު މަޝްވަރާކޮށްފި

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ބްރުނާއީއާއެކު މަޝްވަރާކުރުން/ފޮޓޯ: ޞިއްޙީ ވުޒާރާ
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ބްރުނާއީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، މިވަގުތު ރާއްޖޭގައި ތިއްބެވި ބްރޫނާއީގެ ޞިއްޙީ ދާއިރާގެ ޓެކްނިކަލް ބޭފުޅުންތަކަކާއެކު އެވެ. މި މަޝްވަރާ ބައްދަލުވުމުގައި، ބްރޫނާއީގެ ޕްރައިމަރީ ހެލްތުކެއަރގެ ޗީފް ކްލިނިކަލް ސްޕެޝަލިޓީ ސާރވިސްގެ މަންދޫބުން ހިމެނޭކަމަށް ސިއްޙީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި، ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް އަރބަން ޕްރައިމަރީ ހެލްތްކެއަރ އާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ނަފްސާނީ ބަލިތަކާއި ހަކުރު ބައްޔާ ބެހޭ ޚާއްޞަ ނަރުހުން ތަމްރީނުކުރުމުގެ އިތުރުން، ކެންސަރަށް ފަރުވާދިނުމުގެ ޚިދުމަތްތައް ތަރައްޤީކުރުމުގައި ބްރުނާއީން އެހީތެރިވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މެޑިސިންގެ ދާއިރާއިން ކިޔަވާ ދިވެހި ދަރިވަރުންނަށް ބްރޫނާއީން އިންޓަރންޝިޕް ހެދުމުގެ ފުރުޞަތު ހޯދުމަށް މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ޕަބްލިކް ހެލްތާއި ގުޅުންހުރި މޯބައިލް އެޕްލިކޭޝަން ތައްޔާރުކުރުމަށްޓަކައި، އެކަމުގެ ޢިލްމާއި ތަޖުރިބާ ހިއްސާކުރުމަށްވެސް ގިނަ މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ. ހަމަ އެހެންމެ، ދުންފަތުގެ އިސްތިއުމާލުކުރުމާއި ދެކޮޅަށް ހިންގާ ސެންޓަރުތައް ނުވަތަ ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމަށް އެންމެ ރަނގަޅު ގޮތްތައް ބަލައި، އެކަންކަމާމެދު ވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.
ބުރޫނާއީގެ މެޑިކަލް ޓީމުން ވަނީ، ރާއްޖޭގައި ހުންނަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްއާއި ދަމަނަވެށްޓަށް ޒިޔާރަތްކޮށް، އެ ތަންތާނގައި ފޯރުކޮށްދެމުންދާ ޚިދުމަތްތައް ބައްލަވާލައްވާފައެވެ.