Ads by Aqeeqa Maldives

ޚަބަރު

މިންހެޔޮ ކެއުމުގެ އާދަތައް އާލާކުރުމަށް ޚާއްޞަ ޓީވީ ޕްރޮގްރާމެއް ފަށަނީ

މިންހެޔޮ ކެއުމުގެ އާދަތައް އާލާކުރުމަށް ޚާއްޞަ ޓީވީ ޕްރޮގްރާމެއް ފަށަނީ

މިންހެޔޮ ކެއުމުގެ އާދަތައް އާލާކުރުމަށް ޚާއްޞަ ޓީވީ ޕްރޮގްރާމެއް ފެށުމަށް ފަހުމުނާމާއެއްގައި ސޮއިކުރުން/ފޮޓޯ: އިޖްތިމާއީ ވުޒާރާ

05 މޭ 2025، 09:01

މިންހެޔޮ ކެއުމުގެ އާދަތައް އާލާކުރުމަށް "ހައްޓަށް" ގެ ނަމުގައި ޚާއްޞަ ސިލްސިލާ ޓީވީ ޕްރޮގްރާމުތަކެއް ފެށުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. 

މި ޕްރޮގްރާމަކީ އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްނެންގެވުމުގެ މަތިން ޔޫއެންއެފްޕީއޭ އާއި، ޕީއެސްއެމް ނިއުސް، އަދި އެސްޓީއޯ އިން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި، މިއީ ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިކުރުމަށާއި، ކޮންމެ އުމުރުފުރާއެއްގެ މީހަކީވެސް ކެއިންބުއިމުގައި ދުޅަހެޔޮ އާދަތައް އަށަގެންފައިވާ މީހެއްގެ ގޮތުގައި ބައްޓަންކުރުމަށް ބޭނުންވާ މަޢުލޫމާތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ފަރާތަކަށް ވެސް ފަސޭހަކަމާއެކު ލިއްބައިދިނުމުގެ އަމާޒުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތް ކިޔައިދެއްވާ، އެކަމާ ގުޅުންހުރި އެންމެހާ މަޢުލޫމާތުތައް ފޯރުކޮށްދެއްވާނީ، ޔޫއެންއެފްޕީގެ ފަރާތުންކަމަށް އިޖްތިމާޢީ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ރާއްޖެއިން ލިބެން ހުންނަ ވަޞީލަތްތައް ބޭނުންކޮށްގެން ފަސޭހައިން ކާނާ ތައްޔާރުކުރާނެ ގޮތްތަކާއި، ކެއުމުގައި ހިމަނަންވީ މާއްދާތަކުގެ މަޢުލޫމާތުތައް ވެސް ފޯރުކޮށްދޭނެއެވެ. ހަމަ އެހެންމެ، ކެއުމުގެ އާދަތައް ބައްޓަންކުރަންވީ ގޮތާއި، ދެމެހެއްޓެނިވި ގޮތެއްގައި މި އާދަތައް އަށަގެންނެވުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކުގެ މަޢުލޫމާތުތައް ވެސް ފޯރުކޮށްދޭނެއެވެ.

އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވަނީ، މިންހެޔޮ ކާނާއާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް އިސްރަށްވެހިންގެ ނާދީގައި ޔޫއެންއެފްޕީއާ ގުޅިގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެއްގެ ފީޑްބެކަށް ބެލުމަށް ފަހުގައެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ އެހީގައި އިސްރަށްވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، މިފަދަ މަޢުލޫމާތުތަކަކީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ތިބި ކޮންމެ ޢުމުރުފުރާއެއްގެ މީހުންނަށް ވެސް ބޭނުންތެރި މަޢުލޫމާތުތަކަށް ވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މި ޕްރޮގްރާމް ޕީއެސްއެމް މެދުވެރިކޮށް ދައްކަން ފެށުމުން މީގެ ހެޔޮ އަސަރު މުޖްތަމަޢުން ފެންނާނެކަމަށް ޤަބޫލުފުޅުކުރެވޭ ކަމަށެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން، ދިރިއުޅުމުގެ އާދަކާދައިގެ ތެރެއަށް މިންހެޔޮ ކާނާ ބޭނުންކުރުން ވަދެ، ޞިއްޙަތު ރަނގަޅު މުޖްތަމަޢެއް ބިނާކުރުމަށް އެހީތެރިވެދޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން މުޖްތަމަޢު ވެގެންދާނީ ބަލިތަކުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ މުޖްތަމަޢަކަށްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. 

މި ޕްރޮގްރާމުގެ ފުރަތަމަ ސިލްސިލާ ބެހިގެންދަނީ 13 ޕްރޮގްރާމުގެ މައްޗަށެވެ. ޕީއެސްއެމް މެދުވެރިކޮށް މި ޕްރޮގްރާމް ދެއްކުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ އިންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS