ޚަބަރު
5.5.25 - މިއަދު ފެމިލީ ކޯޓުގައި 25 ކައިވެނި އަދި 15 ވަރީގެ ކޭސް

ފެމިލީ ކޯޓު/ފޮޓޯ: އެޑިޝަން އެމްވީ
މިއަދަކީ މިއަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ ރީތި އެއް ތާރީޚެއް ކަމަށްވާ (5.5.25) ވަނަ ދުވަހެވެ. ރީތި ތާރީޚުތަކުގައި ކައިވެނިިކުރުމަކީ، ދިވެހީންގެ ތެރޭގައި މަޤްބޫލުވެފައިވާ ކަމެކެވެ.
މިއަދުގެ ރީތި ތާރީޚާއި ގުޅިގެން މާލޭގެ ފެމިލީ ކޯޓުގައި ޖުމްލަ 25 ކައިވެނިކުރަން ތާވަލްކޮށްފައިވާކަމަށް އެ ކޯޓުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި މި ކައިވެނިތަކަކީ، މިއަދުގެ ރަސްމީ ގަޑި އަދި ނުރަސްމީ ގަޑިތައް ހިމެނޭހެން ކުރުމަށް ހަމަޖެހިފައިވާ ކައިވެނިތަކެކެވެ. ނަމަވެސް، މި ޢަދަދަކީ ފާއިތުވި އަހަރުތަކާއި އަޅާބަލާއިރު، ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމަށް ހުށައަޅާ މީހުންގެ ޢަދަދަށް ވުރެ ދަށް ޢަދަދެއްކަމަށް އެ ކޯޓުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، މިއަދު ފެމިލީ ކޯޓުގައި ވަނީ ޖުމްލަ 15 ވަރީގެ ކޭސް ބޭއްވުމަށް ވެސް ތާވަލުކޮށްފައެވެ. ރާއްޖޭގައި މިހާރު ވަރީގެ ކޭސްތައް ދުވަހަކަށް ވުރެ ދުވަހެއް ގިނަވަމުން ދާއިރު، މި އަދަދަކީ، މިިދިޔަ އަހަރުގެ މި ދުވަހާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ފެމިލީ ކޯޓުން ވަނީ، ޖުމްލަ 2،485 ކައިވެނި ކޮށްދީފައެވެ. އަދި އެ ކޯޓުގައި 1،326 ވަރި ވަނީ ރަޖިސްޓްރީކޮށްފައެވެ.
މިއަހަރުގެ ތެރޭގައި ދެން ކޯޓުތަކަށް އެންމެ ބާރުބޮޑުވާނެ ދުވަހެއްކަމަށް ބެލެވެނީ (25.5.25) ވަނަ ދުވަހެވެ. މި ތާރީޚުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢަދަދެއްގެ ކައިވެނި ކުރެވޭނެކަމަށް ބެލެވެއެވެ.