ދުނިޔެ
ފަލަސްޠީނުގައި އިޒްރާއިލުން ހިންގާ ނަޞްލު ނައްތާލުމުގެ މަސައްކަތް ފުޅާކުރަން އިޒްރާއިލްގެ ކެބިނެޓުން ނިންމައިފި

އިޒްރާއިލް ސިފައިން.
ފަލަސްޠީނުގައި އިޒްރާއިލުން ހިންގާ ނަޞްލު ނައްތާލުމުގެ މަސައްކަތް ފުޅާކުރަން އިޒްރާއިލްގެ ކެބިނެޓުން ނިންމައިފިއެވެ.
ލީކުވެފައިވާ އިޒްރާއިލްގެ ކެބިނެޓް ބައްދަލުވުމުގެ ރިކޯޑްތަކުން އެނގޭ ގޮތުގައި އިޒްރާއީލު ސަރުކާރުން ވަނީ ޣައްޒާގެ ހުރިހާ ސަރަހައްދެއް ހިފުމުގެ ޕްލޭނެއް ފާސްކޮށްފައެވެ. އަދި ހަމަލާތައް ފުޅާކުުރުމުގެ ގޮތުން ދިހަހާސް ރިޒާވް ސިފައިން ހަނގުރާމައިގެ މައިދާނަށް ނެރުމަށް ވަނީ ނިންމައިފައެވެ.
އިޒްރާއީލުގެ ޗެނަލް 12 އިން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުގެ މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ "ސަރުކާރުން ފާސްކުރި ޕްލޭންގައި ޣައްޒާ މުޅިން ހިފުން ހިމެނޭ" ކަމަށެވެ.
ކެބިނެޓުން ފާސްކުރި ޕްލޭންގައި ޣައްޒާ އެއްކޮށް ހިފުމާއި ފަލަސްތީނުގެ ރައްޔިތުން އުތުރުން ދެކުނަށް ބަދަލުކުރުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
އިޒްރާއީލުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ވެސް ވަނީ ޣައްޒާގައި ހިންގާ އޮޕަރޭޝަން ފުޅާކުރުމުން މުޅި ޣައްޒާ ކޮންޓްރޯލް ކުރެވިދާނެކަމަށް ބުނެފައެވެ.
މަސްދަރުތަކާ ހަވާލާދީ އިޒްރާއީލުގެ ބްރޯޑްކާސްޓިން އޮތޯރިޓީން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ނަތަންޔާހޫ އިސްކޮށް ހުރެގެން ސަލާމަތީ ކެބިނެޓުން ހަމާސްއާ ދެކޮޅަށްކަމަށް ބުނެ ދެމުންގެންދާ ހަމަަލާތައް މަޑުމަޑުން ފުޅާކުރުމަށް ވަނީ ރުހުންދީފައެވެ.
މަޝްވަރާގެ ތެރޭގައި ނަތަންޔާހޫ ބުނެފައިވަނީ "މިއީ ރަނގަޅު ޕްލޭނެއް ކަމުގައި ވާތީ، ހަމާސް ބަލިކުރުމާއި ގައިދީން އަނބުރާ ގެނައުމުގެ ދެ އަމާޒު ވެސް ހާސިލް ކުރެވޭނެތީ" ކަމަށެވެ.
ލީކުގައިވާ ގޮތުގައި "ބޮޑުވަޒީރު ވިދާޅުވީ އެ ޕްލޭން ކުރީގެ ޕްލޭންތަކާ ތަފާތުވަނީ އަޅުގަނޑުމެން ވަދެގަތުމުގެ އުސޫލުން ސަރަޙައްދުތައް ހިފެހެއްޓުމާއި އެތަންތަނުގައި ތިބުމަށް ބަދަލުވަމުންދާތީ" ކަމަށެވެ.