ޚަބަރު
އެމް.ބީ.އެސް އިންވެސްޓްމަންޓްސްގެ ޗެއަރމަން ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އެމް.ބީ.އެސް އިންވެސްޓްމަންޓްސް ގެ ޗެއަރމަން ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
އެމް.ބީ.އެސް އިންވެސްޓްމަންޓްސްގެ ޗެއަރމަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އެމް.ބީ.އެސް އިންވެސްޓްމަންޓްސްގެ ޗެއަރމަން ހިޒް އެކްސެލެންސީ މަރްވާން އަލްހާޖިރީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވަނީ މިއަދު މެންދުރުގެ ވަޤުތެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޗެއަރމަން ހިޒް އެކްސެލެންސީ މަރްވާން އަލްހާޖިރީ ދެއްކެވި ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރިއަށްގެންދަވާ މުހިންމު މަސައްކަތެއްގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ، އެމް.އައި.އެފް.ސީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ފަރާތުން ވެސް ގުޅިގެން ކުރިއަށް ގެންދެވޭނެ ފައިދާހުރި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުންނެވެ. އަދި ކާމިޔާބީއާއި ހަމައަށް ވާސިލްވުމަށް ދެ ފަރާތުންވެސް ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.