ޚަބަރު
އިންޑިއާގެ މޮރުމުގާއޯ އިން ރާއްޖެއަށް އައި ކްރޫޒް ލައިނަރއަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި

އެމްއެސް ނޯޓިކާ ރާއްޖޭގައި/ފޮޓޯ: އިމިގްރޭޝަން
އިންޑިއާގެ މޮރުމުގާއޯ އިން ރާއްޖެއަށް އައި ކްރޫޒް ލައިނަރ އަކަށް މޯލްޑިވްސް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ. "އެމްއެސް ނޯޓިކާ" ނަމަކަށް ކިޔާ މި ކްރޫޒް ލައިނަރ ރާއްޖެ އައީ އިއްޔެގެ ވަގުތެއްގައެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މި ކްރޫޒް ލައިނަރ ރާއްޖެ އައީ މިހިނގާ މެއި މަހުގެ 04 ވަނަ ދުވަހު އިންޑިއާގެ މޮރުމުގާއޯ ބަނދަރުން ފުރައިގެންނެވެ. އެމްއެސްސީ މެގްނިފިކާގައި ދަތުރުކުރި 1،007 ފަތުރުވެރިންނަށް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 610 ފަސިންޖަރުންނާއި 397 ކްރޫ މެންބަރުންނެވެ.
ރާއްޖެއަކީ ކްރޫޒް ލައިންތަކުގެ މެދުގައި އަބަދުވެސް މަޤްބޫލު މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒް ލައިނަރުތައް ޒިޔާރަތްކުރެއެވެ. އެގޮތުން، އެމްއެސް ނޯޓިކާ އަކީ މިއަހަރު ރާއްޖެއަށް އައި 9 ވަނަ ކްރޫޒް ލައިނަރެވެ.
ކްރޫޒް ލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ 3 ސަރަހައްދެއްގައި ކްރޫޒް ލައިނަރުތަކަށް ޚާއްޞަ ޖެޓީތަކެއް ތަރައްޤީކުރުމަށެވެ. މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.