ޚަބަރު
ޓެރަރިޒަމް ފަދަ ފިކުރީ ބަލިމަޑުކަމަށް އޮތް ހަޤީޤީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން ޢިލްމު ހޯދުން: ވަޒީރު ޑރ. ޝަހީމް

ވަޒީރު ޑރ. ޝަހީމް/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޓެރަރިޒަމް ފަދަ ފިކުރީ ބަލިމަޑުކަމަށް އޮތް ހަޤީޤީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން ޢިލްމު ހޯދުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަނާއި، ދިވެހިރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމްއިން ގުޅިގެން އިމާމުންނާއި ޢިލްމުވެރިންނަށް ބާއްވާ ކެޕޭސީޓީ އިތުރުކުރުމުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ވިދާޅުވީ،އިސްލާމީ ތާރީޚުގައި ޢިލްމުވެރިންނާއި އިމާމުންނަކީ މުޖުތަމަޢުގެ އެންމެ އިސް ދައުރެއް އަދާ ކުރާ ފަރާތްތައް ކަމަށެވެ. ހަމަ އެހެންމެ، ދީނީ ޢިލްމު ފެތުރުމަށާއި އިޖްތިމާޢީ ގޮތުން ޢާންމުން ހޭލުންތެރިކުރުމުގައި ވެސް އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ ޢިލްމުވެރިންނާއި އިމާމުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދިި ޓެރަރިޒަމްގެ އަމަލުތަކާއި ހަރުކަށި ފިކުރު ފެތުރުމުުގެ ވަބާއަކީ ވަކި ދީނަކާއި ގުޅުންހުރި ކަމެއް ނޫންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ޓެރަރިޒަމްގެ ވާހަކަތަކަށް އަލިއަޅުއްވާލާ ވަޒީރު ވިދާޅުވީ، މި ފިކުރީ ބަލިމަޑުކަމަށް އޮތް ހަޤީޤީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން ޢިލްމު ހޯދުންކަމަށެވެ. އަދި މިކަމާއި ގުޅޭ ޞައްޙަ މަޢުލޫމާތުތައް ހިއްސާކުރުމަށް ބޭއްވޭ މި ފޯރަމަކީ، ވަރަށް މުހިންމު ފޯރަމެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، އިސްލާމްދީން އަޅުގަނޑުމެންނަށް އަންގަވަނީ މުސްލިމުންނާއި މުސްލިމުން ނޫން މީހުންނަށްވެސް ހެޔޮކޮށް ހިތައި، ރަޙުމަތްތެރިކަމާއި އިންސާފުވެރިކަން އިސްކުރެއްވުމަށްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، އަޅުގަނޑުމެންނަށް ޖިހާދާއި ޓެރަރިޒަމްއާ ހުރި ތަފާތު އެނގެން ޖެހޭކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގައި ޖިހާދަށް ވަކި އުޞޫލުތަކެއް ކަނޑައަޅާފައިވާއިރު، އެކަންކަމަކީ ވަކިވަކި ފަރުދުންގެ އަތްމައްޗަކަށް ދޫކޮށްފައިވާ ކަންތައްތަކެއް ނޫންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ޖިހާދުގެ ޙިކުމަތަކީ ޤައުމާއި އޭގެ ރައްޔިތުން ރައްކާތެރިކުރުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އިސްލާމްދީނުގައި ޓެރަރިޒަމްގެ ހުރިހާ ވައްތަރެއްވެސް މަނާކުރައްވާފައިވާ ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، އިސްލާމީ އުންމަތުގައި ޓެރަރިޒަމް އާއި ހަރުކަށި ފިކުރުގެ ވަބާ ނައްތާލުމަށް ސަޢުދީ ޢަރަބިއްޔާ އިސްވެ އޮވެ ކުރައްވާ މުހިންމު މަސައްކަތްޕުޅު ފާހަގަ ކުރައްވާ، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްއަށާއި، ޕްރިންސް މުޙައްމަދު ބިިން ސަލްމާންއަށް ޝުކުރު އަދާ ކުރައްވާފައެވެ. ހަމަ އެހެންމެ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސް ނަގައިގެން މިފަދަ ފިކުރުތަކާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.