Ads by Aqeeqa Maldives

ޚަބަރު

އިންޑިއާގައި ވިދާލި ރާއްޖޭގެ "ޓޫ އޮފް އަސް" ބޭންޑާ މިނިސްޓަރ އަސްވާޑު ބައްދަލުކޮށް މަރުހަބާ ދަންނަވައިފި

އިންޑިއާގައި ވިދާލި ރާއްޖޭގެ "ޓޫ އޮފް އަސް" ބޭންޑާ މިނިސްޓަރ އަސްވާޑު ބައްދަލުކޮށް މަރުހަބާ ދަންނަވައިފި

"ޓޫ އޮފް އަސް" ބޭންޑާ މިނިސްޓަރ އަސްވާޑު ބައްދަލުކުރެއްވުން، ފޮޓޯ: މިނިސްޓްރީ

05 މޭ 2025، 12:03

އިންޑިއާގައި ވިދާލި ރާއްޖޭގެ "ޓޫ އޮފް އަސް" ބޭންޑާއި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހިމް ވަހީދު ބައްދަލުކޮށް މަރުޙަބާ ދަންނަވައިފިއެވެ.
އިންޑިއާ މުމްބާއީގައި ކުރިޔަށްދިޔަ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި ވާދަކުރި މި ބޭންޑަށް ލިބުނީ މުބާރާތުގެ ތިންވަނައެވެ.

ބޭންޑާ ބައްދަލުކޮށް މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި އެންމެ ޓެލެންޓެޑް ބޭންޑުތަކުގެ ތެރެއިން ދިވެހި ބޭންޑު "ޓޫ އޮފް އަސް" އަށް ލިބުނު ކާމިޔާބީއަށް މިނިސްޓަރ ފަހުރުވެރިވާ ކަމަށެވެ. 



މުބާރާތުގެ ސެކަންޑް ރަނަރަޕްގެ ގޮތުގައި ހޮވުނު މި ބޭންޑުގައި ހިމެނެނީ އަޙުމަދު އަދުހަމް އާއި މުޙައްމަދު ނަސޫހު ބިން ނަސްރުއްދީގެ އިތުރުން، އަބްދުﷲ ޝަމްރޫޙް އާއި އަޙުމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަޙުމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.

ސެމީގައި "ޓޫ އޮފް އަސް"ގެ ލަވަކިޔުންތެރިން ކަމަށްވާ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީ ކިޔާފައި ވަނީ "އެހެރީ ދިވެހި ނިޝާން" ލަވަ އެވެ. ދިވެހި ކަޑިތަކުން ލަވަ ފެށުމަށް ފަހު، އެ މީހުން ނިންމާލީ އޭގެ ހިންދީ ލަވައިންނެވެ.

ޝޯގެ ޖަޖެއްގެ ގޮތުގައި އިންޑިއާގެ މަޝްހޫރު މިއުޒީޝަން ސަލީމް މާޗެންޓު ބައިވެރިވިއިރު އޭނާ ބުނީ ލަވަ ވަރަށް ފުރިހަމަ ކަމަށެވެ. އެ ހުށަހެޅުމަށް ފަހު ވަގުތުކޮޅަކަށް އެއްވެސް އިތުރު އެއްޗެއް އަޑު އަހަން ބޭނުން ނުވާހާ ރީއްޗަށް އެ ބޭންޑުން ހުށަހެޅުން ގެނެސްދިން ކަމަށް ސަލީމް ބުންޏެެވެ.



އެ ޝޯގެ ތިން ވަނަ "ޓޫ އޮފް އަސް" އަށް ލިބުނުއިރު، މުބާރާތުން ދެވަނަ ލިބުނީ ސްރީ ލަންކާގެ ބޭންޑަކަށެވެ. އަދި އެއް ވަނައަށް ހޮވުނީ މޮރިޝަސްގެ ބޭންޑެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS