ޚަބަރު
ތިން އަހަރުގެ ތެރޭގައި ނުވަ ދާއިރާއެއް ހަމައެކަނި ދިވެހީންނަށް ޚާއްޞަކުރުމުން އުފެއްދުންތެރިކަން އިތުރުވާނެ: ރައީސް

ރިޒޯޓެއްގައި ބިދޭސީއަކު ޚިދުމަތް ދިނުމުގައި، ފޮޓޯ: މޯލްޑިވްސް އިންސައިޑަރ
ތިން އަހަރުގެ ތެރޭގައި ނުވަ ދާއިރާއެއް ހަމައެކަނި ދިވެހީންނަށް ޙާއްސަކުރަން ނިންމާފައިވުމުން ދިވެހީންގެ އުފެއްދުންތެރިކަން އިތުރުވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އުފެއްދުންތެރިކަމާ މަސައްކަތްތެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނޫސްވެރިންނާ ޙިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން ތިން އަހަރުގެ ތެރޭގައި ތަޢުލީމާއި ތަމްރީނުދީ، އަދި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއެކު، ދިވެހީންނަށް ޙާއްސަކޮށްފައިވާ ދާއިރާތަކުން މީހުން ތަމްރީނު ކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ.
ސަރުކާރުގެ މި ނުންމުމާ ގުޅިގެން 2027 ވަނަ އަހަރު އަންނައިރު، ތިރީގައިވާ ދާއިރާތަކުގައި ބިދޭސީންނަށް މަސައްކަތެއް ނުކުރެވޭނެއެވެ.
- އޮޑިދޯނި ފަހަރު ބަނުމާއި ވަޑާމުގެ ދާއިރާ
- ހެއާރ ޑްރެސިން އެންޑް ބިއުޓީޝަން
- ރިޒޯޓު މިއުޒީޝަނުންނާއި ބޭންޑުތައް
- ކަސްޓަމަރ ސާވިސް
- ހައުސްކީޕިން މެނޭޖަރ
- ފްރަންޓް އޮފީސް މެނޭޖަރ
- ހިއުމަން ރިސޯސް މެނޭޖަރ
- ޑައިވިން އިންސްޓްރަކްޓަރ
- ޓުއަރ ގައިޑް
އެހެންކަމުން މިފަދަ ވިޔަފާއިތައް ހިންގާ ފަރާތްތަކުން މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހީންނަށް ވަޒީފާ ހޯދައިދޭން މި އުޅެނީ. ބޭރު މީހުން ގެންގުޅޭ ވަރު މި ދާއިރާތަކުން މި މަނާކުރަނީ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވުމާއެކު، 2026 ވަނަ އަހަރު ނިމެންވާއިރަށް، ސަރުކާރުން ހިންގާ ތަމްރީނުތަކުގައި ބައިވެރިކޮށްގެން ވިޔަސް، ނުވަތަ އަމިއްލަ ގޮތުން ވިޔަސް މި ދާއިރާތަކުން ދިވެހިން ތަމްރީނު ކުރުމަށް އިސްކަން ދެއްވަން ރައީސް އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން، ވަޒީފާއަށް ނިކުންނަން ތިބި ކުދިން މި ދާއިރާތަކުން ކިޔެވުމަކީ ކުރިޔަށް އޮތް ތަނުގައި ވަޒީފާ ހޯދުމަށް ފަސޭހަވެގެން ދާނެ މަގެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.
ރައީސް ވިދާޅުވީ، މިއީ ކުރިން ނިންމާފައި އޮތްކަމެއް ކަމަށާއި، ނަމަވެސް މިއަދުގެ ބައްދަލުވުމުގައި އެކަން ހިމެނީ އެކަން އާންމުންގެ ސަމާލުކަމަށް ގެނަސް، މި ދާއިރާއިން ދިވެހިން ތަމްރީނުކުރުން މުހިންމުކަން ހަނދާންކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އަދި ދިވެހީންގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި އޮޑިދޯނި ފަހަރު ބަނުމަށް ލުއި ލޯނު ދިނުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މިހާރު ރާއްޖޭގެ ވަޒީފާގެ ބަޒާރުގެ ހުރިހާ ފަންތިއެއްގައި ވެސް ބިދޭސީން މަސައްކަތްތެރިން ގިނައެވެ. ހަމައެއާއެކު ވަޒީފާ ނުލިބިގެން އުޅޭ ޒުވާނުން ވެސް ވަނީ އިތުރުވާން ފަށާފައެވެ. އެހެންކަމުން، ވަކި ދާއިރާތަކެއް ދިވެހީންނަށް ޙާއްސަކުރުމުނެ، މި މައްސަލަ މަޑުމަޑުން ޙައްލުވާން ފަށާނެކަމަށް ބެލެވެއެވެ.