Ads by Farudhun

ޚަބަރު

ވައިގެ ދަތުރުފަތުރު ހަރުދަނާކޮށް ވީއައިއޭ އިން މުހިންމު ލަނޑުދަނޑިތަކެއް ޙާޞިލްކޮށްފި: އެމްއޭސީއެލް

ވައިގެ ދަތުރުފަތުރު ހަރުދަނާކޮށް ވީއައިއޭ އިން މުހިންމު ލަނޑުދަނޑިތަކެއް ޙާޞިލްކޮށްފި: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް. ފޮޓޯ: އެމްއޭސީއެލް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 ނޮވެމްބަރު 2026، 02:38

17 ނޮވެމްބަރު 2026، 02:38

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ތަރައްޤީކުރުމުގައި މުހިންމު ލަނޑުދަނޑިތަކެއް ޙާޞިލްކުރެވި، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އޮނިގަނޑު ވަރުގަދަވެ ޤައުމީ އިޤްތިޞާދަށް އައު ފުރުޞަތުތަކެއް ހުޅުވިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. 

އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އެއަރޕޯޓުގެ ވަސީލަތްތަކާއި އޮޕަރޭޝަންތަކަށް ގެނެވުނު މި ކުރިއެރުންތަކަކީ ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި އެއަރޕޯޓުގެ ދައުރު ހަރުދަނާވެ، ފަތުރުވެރިކަމަށާއި ވިޔަފާރިއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

އެއަރޕޯޓް ތަރައްޤީގެ އެންމެ ބޮޑު އެއް ލަނޑުދަނޑިއަކީ 26 ޖުލައި 2025 ގައި ރަސްމީކޮށް ހުޅުވި އައު ބައިނަލްއަޤްވާމީ ޕެސެންޖަރ ޓަރމިނަލް (ޓަރމިނަލް 1) ކަމަށާއި، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ މި ޓަރމިނަލްގެ ސަބަބުން ދަތުރުވެރިންގެ ތަޖުރިބާ މުއްސަނދިވެ، ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ވަނީ އިތުރުވެފައިކަން އެ ކުންފުނިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، 17 ފެބުރުވަރީ 2026 ގައި ޓަރމިނަލް 2 ހުޅުވުމާއެކު، އެތެރޭގެ އުދުހުންތަކަށް ޒަމާނީ ލުއިފަސޭހަތަކެއް ލިބި، ރާއްޖޭގެ އެކި ސަރަޙައްދުތަކާ ދެމެދު އޮތް ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް އެމްއޭސީއެލް އިން ފާހަގަކުރެއެވެ.

ވައިގެ މަގުން މުދާ އުފުލުމުގެ ދާއިރާއިން ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވަމުން އެމްއޭސީއެލްއިން ވަނީ، "ސީ-ޓު-އެއަރ ކާގޯ" އިނީޝިއޭޓިވްގެ ދަށުން 15 ޖެނުއަރީ 2024 ގައި އިމްޕޯޓް ކާގޯގެ ޚިދުމަތް ފަށައި، 11 އޮގަސްޓު 2024 ގައި އެކްސްޕޯޓް ކާގޯގެ އޮޕަރޭޝަންތައް ފެށުމާއެކު، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މާކެޓުތަކަށް ވައިގެ މަގުން މުދާ އުފުލުމުގެ ފުރުޞަތުތައް ފުޅާވެގެން ގޮސްފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، 7 ނޮވެމްބަރު 2024 ގައި ވަނީ އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމްގެ ޚިދުމަތް ފަށާފައެވެ. މި ވަސީލަތާއެކު ބޯޓުފަހަރަށް ތެޔޮ އެޅުމާއި ތެޔޮ ރައްކާކުރުމުގެ ނިޒާމު އެތައް ގުނައަކަށް ވަނީ ފުޅާވެފައިކަން އެ ކުންފުނިން ފާހަގަކުރިއެވެ. ހަމައެއާއެކު، 27 ޖޫން 2024 ގައި ހުޅުވި އައު ފަޔަރ ސްޓޭޝަނުގެ ސަބަބުން ކުއްލި ޙާލަތްތަކަށް އިޖާބަދިނުމުގެ ފެންވަރު ވަރަށް ބޮޑަށް މަތިވެގެން ގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ޒަމާނީ ކުރުމަށް އެޅިފައިވާ ވަރަށް މުހިންމު ފިޔަވަޅުތަކެއް ކަމަށާއި، މީގެ ސަބަބުން އެއަރޕޯޓުގެ އޮޕަރޭޝަންތައް ރަނގަޅުވެ، ފަތުރުވެރިކަން ކުރިއެރުވުމަށާއި، ވިޔަފާރިތަކަށް ލުއިފަސޭހަވުމަށާއި، އެތެރޭގެ ދަތުރުފަތުރުގެ ގުޅުން ބަދަހިވުމަށާއި، އަދި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމަށް ވަނީ މަގުފަހިވެފައި ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މި ވަސީލަތްތަކާއެކު ޚިދުމަތްދޭން ފެށިފައިވާއިރު، އެމްއޭސީއެލްގެ މައިގަނޑު އަމާޒަކީ މި ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފައި، ޚިދުމަތްތަކުގެ ފެންވަރު އެންމެ މަތީ ދަރަޖައަށް ގެންގޮސް، ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް އަންނަ ބަދަލުތަކާ ފައިހަމަކުރެވޭނެ ފަދަ ފުރިހަމަ އެއަރޕޯޓަކަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހެދުމެވެ. މިއީ ރާއްޖެއާއި ބޭރު ދުނިޔެ އަދި އެތެރޭގެ ދަތުރުފަތުރުގެ ގުޅުވައިދިނުން ހަރުދަނާކޮށް، އިޤްތިޞާދީ ގޮތުން ޤައުމު ބާރުވެރިކުރުމަށާއި ދުރު ރާސްތާގެ ފާގަތިކަމަށްޓަކައި އެޅުނު ވަރުގަދަ ބިންގަލެއް ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ފާއިތުވި 3 އަހަރު ތެރޭގައި، މިހާރުގެ ސަރުކާރުގެ އިރުޝާދުގެ ދަށުން އެމް.އޭ.ސީ.އެލްއިން އުމްރާނީ ތަރައްޤީގެ މުހިންމު ލަނޑުދަނޑިތަކެއް ޙާޞިލްކޮށްފައިވެއެވެ. ކާގޯ ޓަރމިނަލާއި، ފިއުލް ފާމަށާއި، ޕެސެންޖަރ ޓާމިނަލްތަކަށް ގެނެވުނު އިންގިލާބީ ބަދަލުތަކަކީ ރާއްޖޭގެ އިޤްތިޞާދާއި ފަތުރުވެރިކަމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ. މި ކުރިއެރުންތަކާއެކު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ސަރަޙައްދީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ފުރިހަމަ ޚިދުމަތްތަކެއް ދޭ ތަނަކަށް ހެދުމަށް ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450