ޚަބަރު
ދިފާޢީ ބާރަށް ޓޭންކަރުތައް ހޯދީ ހަނގުރާމަކުރާކަށް ނޫން: ރައީސް ޑރ. މުޢިއްޒު

ރައީސުލްޖުމްހުރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން ---
ރާއްޖޭގެ ދިފާޢީ ބާރަށް ޓޭންކަރުތައް ހޯދީ ހަނގުރާމަކުރާކަށް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްގެންދާ ބައްދަލުކުރެއްވުމުގައެވެ.
ރައީސް ވިދާޅުވީ، ކޮންމެ ޤައުމެއްގައި ވެސް އޮންނަ އަސްކަރިއްޔާ ވަރުގަދަކޮށް ޤާބިލުކަން އިތުރުކުރުމަކީ، ކޮންމެ ސަރުކާރެއްގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށް ހަރުދަނާކުރުމަކީ، ހަނގުރާމައެއް ކުރުމަށްޓަކައި ކުރާކަމެއް ނޫންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، މިކަމަކީ މި ޤައުމުގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކުރެއްވި މަސައްކަތެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރާއްޖެއަކީ ސުލްހަވެރި ޤައުމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގެ އަސްކަރިއްޔާގެ އުޅަނދުތަކަށް އަޅާނުލާ ގާތްގަނޑަކަށް 25 އަހަރު ހޭދަވެފައިވާ ކަމަށެވެ. އަދި އަސްކަރިއްޔާގައި ކުރިން ހުރި ޓޭންކަރުތައް ރަނގަޅަށް އޮޕްރޭޓް ނުކުރާކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ޓޭންކަރުތައް ހޯދީ ހަނގުރާމަ ކުރަން ނޫން ކަމަށާއި، އެކަމަކީ ދިފާޢީ ބާރުގައި ޤާބިލުކަމާއި ބާރުވެރިކަން އިތުރުކުރުމަށް ކުރި ކަމެއްކަމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ދިވެހި އަސްކަރިއްޔާގެ ކޯސްޓްގަރޑު ދެގުނަކޮށް ޚިދުމަތް ފުޅާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަލުއްވާލައްވާފައެވެ. އެގޮތުން، ކޯސްޓްގަރޑުގެ ގޮތުގައި ބޭނުންކުރާ ބައެއް އުޅަނދުތައް މިހާރު ހުރީ ބޭނުންނުކުރެވޭ ޙާލަތުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ބައެއް އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި މި އުޅަނދުތަކަކީ ރާއްޖޭގެ ޓެރިޓަރީ ބެލެހެއްޓުމަށް އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ ފަރާތްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ނުވަތަ "އެކްސްކްލޫސިވް އިކޮނޮމިކް ޒޯން" އަކީ ވަރަށް ބޮޑު ހިސާބެއް ކަމަށެވެ. އަދި މިފަދަ ބޮޑު ކަނޑުގެ ސަރަޙައްދެއް އޮންނަނީ ވަރަށް މަދު ޤައުމެއްގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ސަރަޙައްދު ރައްކާތެރިކޮށް ހިމާޔަތްކުރުމާއި ގުޅޭގޮތުން ރާއްޖެއިން ބޭރުން އަންނަ އިންވެސްޓަރުން ވެސް ސުވާލުކުރައްވާ ކަމަށެވެ. އެހެންކަމުން، އިންވެސްޓަރުންގެ އިތުބާރާއި ޔަޤީންކަންވެސް ލިބޭނީ އަޅުގަނޑުމެންގެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓިގެންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ދިވެހި އަސްކަރިއްޔާގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ފުޅާކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅެކެވެ.